ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ނިއުބޯން އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) އިން ނުރައްކާތެރި ޖަރާސީމެއް ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް، އައިޖީއެމްއެޗްއިން ކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުން، އެންއައިސީޔޫގައި ފަރުވާ ދެމުންދާ ބައެއް ކުދިންގެ ގައިން މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ކިޔާ ނުރައްކާތެރި ޖަރާސީމެއް ވަނީ ފެނިފައެވެ.

އަދި އެކަން ފާހަގަވުމާއެކު ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެ ގޮތުން ކުދީންގެ ރައްކާތެރިކަމާއި ޖަރާސީމު އިތުރަށް ފެތުރުން ކޮންޓްރޯލް ކޮށްފައިވާ ކަމަށް އައިޖީއެމްއެޗްއިން ވަނީ ބުނެފައެވެ.


މީގެ އިތުރުން، މިހާތަނަށް އެއްވެސް ކުއްޖަކަށް ނުވަތަ ޞިއްޙީ އެހީތެރިއަކަށް ނުރައްކާތެރި ޙާލަތެއް ދިމާވެފައި ނުވާ ކަމަށް ފާހަގަކުރަމުން އެ ހޮސްޕިޓަލުން ވަނީ އެެކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމުގެ ޔަޤީންކަން ވެސް ދީފައިވެއެވެ.

އަދި މި ކަމާ ގުޅޭ މަޢުލޫމާތުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރަމުން ގެންދާނެކަމަށްވެސް އައިޖީއެމްއެޗްއިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް