ދެވަނަ ކެޓެގަރީ އަކީ މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ކެޓެގަރީއަށްވާއިރު މި ކެޓެގަރީގައި ބައިވެރިވެވޭނީ ޢުމުރުން 18 އަހަރުފުރި، 50 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި މި ކެޓަގަރީއިން ބައިވެރިވާ ފަރާތަކީ މުޅި ޤުރްއާން އެއްކޮށް ބަލައިގެން ފަރިތަކަމާއެކު، ތަޖުވީދުގެ ހަމަތަކުގެމަތިން މަޤާމާތަށް މުޖައްވަދުކޮށް ކިޔަވަން އެނގޭ ފަރާތަކަށް ވާންޖެހޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ އާންމު ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ކުރީގައި މި މުބާރާތުގައި ބައިވެރިވެ އެއްވަނަ ހާސިލުކޮށްފައިވާ ފަރާތަކަށްނުވުން އަދި މި މުބާރާތުގައި ފާއިތުވެދިޔަ 3 އަހަރު ބައިވެރިވެ، މުބާރާތުގައި ކިޔަވާފައިވާ ފަރާތަކަށްނުވުން ހިމެނެއެވެ.
މީގެ އިތުރުން، މިި މުބާރާތަކީ ދެ ޖިންސަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށާއި، މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ އަންހެން ބައިވެރިއަކާއި އަދި ފިރިހެން ބައިވެރިއަކާއި އެކު، ޖުމްލަ ދެ ބައިވެރިން ކަމަށާއި، އެހެންކަމުން މުބާރާތުގައި ބައިވެރިކުރުމަށް ކޮންމެ ކެޓެގަރީއަކުން ހޮވާނީ އެންމެ ބައިވެރިއެއް ކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނެފައިވެއެވެ.
އަދި މި މުބާރާތަށް ކޮންމެ ކެޓަގަރީއަކުން ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް އެ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައި ކަމަށާއި، އިމްތިޙާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެ ކަމަށާއި، ޙިފްޡުކޮށް ކިޔެވުމުގައި ބައިގައި ޙިފްޡުގެ ފެންވަރަށްވެސް ރިޢާޔަތްކުރެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
ހަމައެއާއެކު، މި މުބާރާތުގައި ބައިވެރިކުރުމަށް އެ މަރުކަޒުން ހޮވުމަށްފަހު ހުށަހަޅާ ދެ ބައިވެރިން، މުބާރާތް އިންތިޒާމުކުރާ ފަރާތުން 2025 މޭއި 17 އިން 24 އަށް ބާއްވާ އޮންލައިން ސްކްރީނިންގ ގައި ބައިވެރިވާން ޖެހޭނެ ކަމަށާއި މިއީ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ހުރިހާ ބައިވެރިންނަށް ބާއްވާ ކޮލިފައިންގ ބުރެއް ކަމަށާއި، މުބާރާތުގައި ކިޔެވުމަށް މެލޭޝިޔާއަށް ގެންދާނީ މި ކޮލިފައިންގ ބުރުން ފާސްވާ ބައިވެރިން ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 4 މޭ 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.





