އެންމެ ބޮޑު އުއްމީދަކީ ސިވިލް ސަރވިސްގެ އެންމެހައި މުވައްޒަފުންގެ އުޖޫރައިގެ ކުރިއެރުން ލިބިގެން ދިއުން: ނާސިހް

ދައުލަތުގެ ޚިދުމަތުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ މަސައްކަތުގެ އުޖޫރައިގެ ކުރިއެރުން ލިބިގެންދިއުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިހް ވިދާޅުވެއްޖެއެވެ.

ނާސިހް މިހެން ވިދާޅުވީ، ދިވެހި ސިވިލް ސަރވިސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިވިލް ސަރވިސްގެ އެންމެހާ ޚިދުމަތްތެރިި މުވައްޒަފުންނަށް ތަހުނިޔާ އާއި މުބާރަކްބާދީ އަރިސްކުރަމުން، ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް ފޮޮނުއްވި އިލްތިމާސް މެސެޖެއްގައެވެ.

އެގޮތުން، ދިވެހި މަސައްކަތްތެރީންގެ ބޮޑު ހިއްސާއެއް އޮންނަ ދިވެހި ސިވިލް ސަރވިސް އަކީ ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުވައިދިނުމުގައި އަމަލީގޮތުން މަސައްކަތްކުރުމަށް ޤާނޫނީގޮތުން އުފައްދާފައިވާ މުއައްސަސާއެއްކަމަށް ފާހަގަކުރައްވަމުން ނާސިހް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރައްޔިތުން ބަލައިގަންނަ ގޮތެއްގައި ޚިދުމަތް ދިނުމުގައި ޚިދުމަތް ހޯދާ ފަރާތްްތަކާ ކުރެވޭ މުޢާމަލާތްތަކުގައި ސާފު، ސާދާ އަދި ދެފުށް ފެންނަ ގޮތްތައް ޚިޔާރުކޮށް މައްސަލަ ހައްލުކުރުމުގެ ވިސްނުމުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށެވެ.


ނާސިހް އިތުރަށް ވިދާޅުވީ، ދައުލަތުގެ ޚިދުމަތުގައު މަސައްކަތްކުރައްވާ މުވައްޒަފުންގެ މަސައްކަތުގެ އުޖޫރަ މަތިކޮށް އަދި އުޖޫރައިގެ ހަމަހަމަކަން ޤާއިމްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން އަވަސް މުސްތަޤުބަލެއްގައި ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ލިބިގެން ދިއުމަކީ އުއްމީދެއްކަމަށާއި އެ ކުރިއެރުން ލިބިގެން ދިއުމަކީ މުވައްޒަފުންނަށް ހިތްހަމަޖެހިގެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް ތަނަވަސްވާނެ މަގެއްކަމަށެވެ.

އަދި ޒަމާނަށް އަންނަމުންދާ ބަދަލުތަަށާއި ޓެކްނޮލިޖީއަށް އަންނަ ކުރިއެރުންތަކުގެ ސަބަބުން ޚިދުމަތް ދިނުމުގެ ވައްޓަފާޅިއަށް މިހާރު ބޮޑު ބަދަލުތަކެއް އައިސްފައިވާކަމަށް ނާސިހް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ޚިދުމަތުގެ އާއްމު މިންގަޑެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނަ މިންގަޑުވެސް ބޮޑުތަނުން އުފުލިފައިވާކަމަށާއި، އެއާއެކު މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން މަތިކުރުމަށް މިއަދު އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ނާސިހް ވިދާޅުވިއެވެ.

އެގޮތުން، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް މެދުވެރިކޮށް ކޮންމެ އަހަރަކުވެސް މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ދަސްކޮށްދީ މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ނާސިހް ވިދާޅުވިއެވެ.

ނާސިހްގެ މެސެޖް ނިންމަވާލައްވަމުން ވަނީ ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް އެ މުވައްޒަފުންގެ މަސައްކަތު ޒިންމާގައި ހިމެނޭ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި އެކަކު އަނެކަކަށް އެހީތެރިވެދިނުމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ސަގާފަތެއް އަށަގަންނަވައި ފެންވަރު ރަނގަޅު، ޚިދުމަތްތަކެއް ފޯރުކޮށްދީ، ރައްޔިތުން ބަލައިގަންނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް