ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯއްދަވައި ދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ރާއްޖޭގައި ވަޒީފާގެ ފުރުޞަތުތައް ގިނަކޮށް ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯއްދަވައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ދިވެހިރާއްޖެއަށް ލިބިފައިވާ ކޮންމެ ކުރިއެރުމަކާއި ކާމިޔާބީއެއްގެ ފަހަތުގައި އޮތީ، އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވާ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތްކަން ހަނދާންކުރައްވަމުން އެމަނިކުފާނުވަނީ ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަހުގެ ތަހުނިޔާ، ޤައުމަށް މަންފާހުރި ކުދި ބޮޑު އެންމެހައި މަސައްކަތްތަކުގައި ޝާމިލްވާ ދިވެހީންނަށާއި ބިދޭސީންނަށް، އަދި މަސައްކަތްތެރީންގެ ޢާއިލާތަކަށް ފޮނުއްވާފައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާގެ ސުންނަތާއި އެކަލޭގެފާނުގެ އިރުޝާދުތަކުން ފެންނަން އޮތް އެއް ޙަޤީޤަތަކީ، ދިރިއުޅުމަށްޓަކައި މަސައްކަތްކޮށް، ޙަލާލް ރިޒްޤު ހޯދުމަކީ ސަވާބު ލިބެނިވި އަޅުކަމެއް ކަމަށާއި އަދި ކޮންމެ މުސްލިމަކީވެސް ކެރި ކުޅަދާނަވީ މިންވަރަކުން މަސައްކަތްތެރިއަކަށް ވާން ޖެހޭނޭކަމަށް ވިދާޅުވެފައިވެއެވެ.

އަދި ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތައް ގިނަ ކުރުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި، އެކި ދާއިރާތަކުގެ ޚިދުމަތްތެރީން ދަފްތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި، ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް އިރާދަކުރެއްވިއްޔާ ބޮޑު ކާމިޔާބެއް ހޯއްދަވާނެކަމަށެވެ.

މީގެ އިތުރުން، ޤައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަޚްލާޤާއި، ހުނަރު ދަސްކޮށްދިނުން ތަޢުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭކަމަށާއި، ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ޤާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހޭކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީންކަމަށާއި މާދަމާ ޤައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާޞިލުކޮށްދޭނީވެސް މަސައްކަތްތެރީންކަމަށެވެ.

އަދި ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި މި ޤައުމުގެ ހީވާގި ޚިދުމަތްތެރީންކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް