ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ގަވާއިދު އިސްލާހުކުރަނީ

ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވާއިދު އަލުން އިސްލާހުކުރަން ނިންމައިފި އެވެ.

މި އިސްލާހުތައް ގެނައުމާ ގުޅިގެން މަޝްވަރާތަށް ކޮށްފައިވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއާއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވާއިދާ ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާކަމަށާއި މި ގަވާއިދު ތަންފީޒުކުރުމުގައި ވެސް ދަތިތަކެއް ވާ ކަން ފާހަގަކުރައްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު ވިދާޅުވީ, އެކަންތަކަށް ރިޢާޔަތްކޮށް ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

މިއީ ޑިޕާޓްމަން އޮފް ޕަބްލިކް ހެލްތުގެ ޒަމާނުން ފެށިގެން އަމަލުކުރަމުން އައި ގަވާއިދެކެވެ. އެހެން ނަމަވެސް 2008 ވަނަ އަހަރު އައު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން ބެލެނިވެރިކަމުގެ ޤާނޫނެއް ނެތި ހަދާފައިވާ ގަވާއިދުތައް އާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ދަށުން ތަންފީޒުކުރަން ފެށުމާއެކު، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް އަމަލުކުރަން ފެށެންދެން، އަމަލުކުރަމުން ދިޔައީ މިގަވާއިދަށެވެ.

އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން މިގަވާއިދު ތަންފީޒުކުރުމަށްޓަކައި އަލުން އެ ޤާނޫނުގެ ދަށުން އެ ގަވާއިދު އެކުލަވައިލިއިރު ކުރިން އަމަލުކުރަމުން ދިޔަ ގަވާއިދުގެ މައިގަނޑު ބައިތަކަށް މާބޮޑު ބަދަލެއް ގެނެސްފައި ނުވިނަމަވެސް މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

މި ގަވާއިދަށް ބަދަލުގެނެސްފައިވަނީ ފަންނީ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާއެކުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް