ސުކޫލުން ގެއްލުނު ދަރިވަރު ހޯދައިފި
މިއަދު ހުޅުމާލޭ ސުކޫލަކުން ގެއްލުނު ކީ-ސްޓޭޖް 1 ގެ ދަރިވަރަކު ހޯދައިފިއެވެ.

މިކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލ ޝަފީއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކީ-ސްޓޭޖް 1 ގެ ދަރިވަރަކު މުދައްރިސުން ބޭނުންކުރާ ގޭޓުން ނުކުމެގެން، ސްކޫލް ނެއިބަހުޑްގެ ތެރެއަށް ދިޔަކަމުގެ މައުލޫމާތު މިނިސްޓަރަށް 15:11 ގައި ލިބިވަޑައިގެންނެވިކަމަށެވެ.

އެއާއެކު، ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު މިނިސްޓްރީއާއި ސްކޫލުން ކުރި މަސައްކަތުން، 15:31 ގައި އެ ދަރިވަރު ހޯދާފައިވާ ކަމަށާއި، ﷲ ރަޙްމަތުން އެ ދަރިވަރަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.

''މިނިސްޓްރީގެ ކަމާގުޅުންހުރި ޑިޕާޓުމެންޓުތަކުގެ ސަމާލުކަމަށް މިކަން އައިސް އަޅުގަނޑާ ހަމައަށް މިކަން ރިޕޯޓުވީ 15:11 ގައި. މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެހީތެރިކަމާއެކު މިނިސްޓްރީއާއި އިސްކޫލުން ކުރި މަސައްކަތުން 15:31ގައި ދަރިވަރު ވަނީ ހޯދިފައި. ﷲގެ ރަހުމަތުން އެއްވެސް ގެއްލުމުއް ލިބިފައިނެތް'' މިނިސްޓަރ އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި މި ވާހަކަ ދަންނަވާލީ 2 ބޭނުމުގައި ކަމަށާއި އެގޮތުން އެންމު ފުރަތަމަ ކަމަކީ، މިފަދަ ކަމެއް ހިނގީމާ، އެކަމެއް ނުފޮރުވާ ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ބޭނުންތެރިކަން ފާހަގަކުރުންކަމަށެވެ. އަދި ދެވަނަ ބޭނުމަކީ ސްކޫލުގައި، މުދައްރިސުން ބޭނުންކުރާ ގޭޓަކީ ތަޅުލެވިފައިވާ ނުވަތަ ފާރަވެރިއަކު ހުންނަންޖެހޭގޮތަށް ނިންމާފައިވާ ގޭޓަކަށް ވީހިނދު، ދަރިވަރަށް ގޭޓުން ނުކުމެވުނީ ކީއްވެގެންތޯ ދެނެގަނެ އެފަދަ ކަމެއް ތަކުރާރު ނުވާނެފަދަ ގޮތަށް ފިޔަވަޅުއަޅާނެ ކަމުގެ ޔަގީންކަން ސްކޫލުގެ އެންމެހާ މަސްލަހަތުވެރިންނަށް ދިނުންކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް