ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް މި މަހު 10 ގައި ފަށަނީ

ކުޑަކުދިންގެ ޢަދުލުގެ ޤައުމީ ފެންވަރުގެ މަހާސިންތާ "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" މި މޭ މަހުގެ 10 އިން 12 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކާއި، ގުޅުންހުރި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ ފުރަތަމަ މަހާސިންތާއެވެ.

މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ. އަދި މި މަހާސިންތާގެ ކީނޯޓް ސްޕީކަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ، އިންޓަނޭޝަނަލް ޗައިލްޑް ޕްރޮޓެކްޝަން އެކްޕާޓް ޑރ. މާރިޔާ ޢަލީ އަދި މަޝްހޫރު ނަފްސާނީ ބަލިތަކުގެ ޑޮކްޓަރު، ޑރ. ޝަނޫހާ މަންސޫރުއެވެ.

އަދި މިއީ ޔުނިސެފްގެ އެހީތެރިކަމާއެކު މި އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ މަހާސިންތާއަކަށްވާއިރު މި މަހާސިންތާގެ މީޑިއާ ޕާރޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އެވެ. އަދި ޑިޒައިން ޕާރޓްނަރަކީ ލޫޕްކްރާފްޓް އެވެ.

މި މަހާސިންތާ ބޭއްވުމުގެ މަޤްޞަދުތަކަކީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ފަންނީ މަޝްވަރާގެ އަލީގައި ޙައްލު ހޯދުމާއި، ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށްޓަކައި، މިހާރު ޢަމަލުކުރަމުންދާ އުޞޫލުތަކާއި، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި އަދި ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކާއި ޖަމިއްޔާތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުންކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މި މަހާސިންތާގައި ކުރެވޭ ފަންނީ މަޝްވަރާތަކާއި، ހުށަހެޅޭ ދިރާސީ ކަރުދާސްތަކުގެ އަލީގައި ޕޮލިސީ ރެކޮމަންޑޭޝަން ކަރުދާހެއް ތައްޔާރުކޮށް، އެކަންކަން ތަންފީޛްކުރުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް