ފުލުހުންނާއި ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވުޒާރާއާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ބައްދަލުވުމެއް ބާއްވައިފި

ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވުޒާރާއާއެކު ވިކްޓިމް ސަޕޯޓް ޑިޕާޓުމަންޓުގެ ފަރާތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މި އެޕްރީލް މަހުގެ 29 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އާއި އެ ވުޒާރާގެ އިސް ބައެއް ވެރިންނާއި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމް އަދި ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ނަފުސާނީ ދާއިރާ އިން ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި، ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށާއި އަދި ޕޮއެޓްރީ ބޭނުންކޮށްގެން ނަފުސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި ދެ އިދާރާ ގުޅިގެން އެކިކަހަލަ ދިރާސާތައް ހެދުމުގައި އެ ވުޒާރާގެ ފަރާތުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށާއި އަދި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުންކުރާ މަސައްކަތްތަކުގައި ވެސް އެ ވުޒާރާގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށް ވަޒީރު ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ގާތުން އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް