ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމަށް ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމަށް ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ. އަދި މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.

އެގޮތުން، އެ ދެބޭފުޅުންވެސް ވަނީ އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރެއްވުމާއި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަން ހާމަކުރައްވާފައެވެ.

އަދި ފަލަސްތީނުގެ މައްސަލާގައިވެސް ދެޤައުމުގެ ޚިޔާލު އެއްގޮތްކަން ފާހަގަކުރައްވައި އެކުގައި މަސައްކަތްކުރައްވާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެފަހުން ދެ ލީޑަރުންވަނީ ޖޮއިންޓް ސްޓޭޓްމަންޓު ބަދަލުކުރައްވާފައެވެ.

ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބާރުލުން ދިނުމަށް ވެވުނު އެއްބަސްވުންތަކުގެ ދާއިރާތައް

1- ކުޅިވަރުގެ ދާއިރާއިން ދެޤައުމު ގުޅިގެން މަސައްކަތްކުރުމާއި އެއްބާރުލުންދިނުން.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ހަނާން ޔިއޯހްއެވެ

2- ޞިއްޙީ ދާއިރާއިން އެއްބާރުލުންދިނުން.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޒުލްކެފްލީ އަޙްމަދުއެވެ.

3- ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދިނުން.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާއެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޚައިރުލް ފިރުދައުސްއެވެ.

4- ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުން (ޑިޕްލޮމޭޓުން ތަމްރީންކުރުން)
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާއެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް މުޙައްމަދު އަލާމިންއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގައި ދައުލަތުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައިވެސް ދެޤައުމުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރު އަންވަރު އިބްރާހީމް ގުޅިގެން ނެރުއްވި ބަޔާނުގައި، ރައީސް ވަނީ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް