ތިނަދޫގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފި

ގދ. ތިނަދޫ ޑރ.އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފިއެވެ.

މިއީ 24 އެޕްރީލް އިން ފެށިގެން މިއަދުގެ ނިޔަލަށް އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްޞަ ކޭމްޕްގައި ކުރެވުނު ސަރޖަރީއެކެވެ.

މި ސަރޖަރީ ހެދި ޓީމުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ އެކި ދާއިރާތަކުގެ ޚާއްޞަ އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ބައިވެރިވެއެވެ. މި ޓީމުގައި ހަރަކާތްތެރިވާ ޑރ. އުބެއިދުﷲ ވިދާޅުވީ އެޓީމުގެ ދަށުން ހޮސްޕިޓަލުގައި އެފަދަ އޮޕަރޭޝަނެއް ކުރެވުމަކީ މުހިންމު ކަމެއްކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ އިތުރު ސާރޖަރީ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިއީ ރައްޔިތުންނާއި ގާތުން ސިއްހީ ޚީދުމަތް ފޯރުކޮށް ދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން ހިންގާ ކޭމްޕެކެވެ.

މިމަހުގެ 24 އިން 26 ކުރިއަށް ގެންދާ މި ކޭމްޕްގައި ޖުމުލަ 8 ޑޮކްޓަރުން ހިމެނެއެވެ. މި ޓީމުގެ ތެރޭގައި ހިމެނެނީ؛

  1. ގޮހޮރުގެ އަދި ބެރިއަޓްރިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ އާއިޝަތު އަޒުނާ
  2. އާއްމު އަދި ލެޕްރސްކޯޕިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ، އަބުދުﷲ ޢުބައިދު
  3. ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއަރ ގެ ޚާއްޞަ ޑޮކްޓަރ މުހައްމަދު ވަހީދު
  4. އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއަރ އަށް ޚާއްޞަ ޑޮކްޓަރ އިބްރާހީމް އާދިލް
  5. ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރ، މުހައްމަދު ޝިފާން
  6. ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު އަލީ އާ
  7. ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ޚާޞަ ޑޮކްޓަރ އަބުދުﷲ އަދްޡަރު
  8. ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްޞަ ޑޮކްޓަރ އަސްއަދު މުހައްމަދު ޝަހީދު

ތިނަދޫގައި ޑޮކްޓަރުންގެ ޚާއްސަ ކޭމްޕެއް އެޕްރީލް މަހު 24 އިން 26 އަށް

މި ޓީމުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތް ތަކުގެ ތެރޭގައި އޯޕީޑީގައި ބަލިމީހުން ބަލައި ފަރުވާކުރުމާއި ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދިނުމުގެ އިތުރުން އެކި އޮޕަރޭޝަންތައް ކުރުން ހިމެނޭއިރު،  މި ޓީމް ގެ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މި ކޭމްޕަކީ، ހެލްތު މިނިސްޓްރީ، އައިޖީއެމްއެޗް އަދި ތިނަދޫ ޑރ. އަބުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް