މައްސަލައަށް ނުފޫޒު ފޯރުވާކަމަށް ބުނެ ދައުރުވަނީ އެއްވެސް ހަޤީޤަތެއްނެތް ވާހަކަތަކެއް: ވަޒީރު އަމީން

މައްސަލައަށް ނުފޫޒު ފޯރުވާކަމަށް ބުނެ ދައުރުވަނީ އެއްވެސް ހަޤީޤަތެއްނެތް ވާހަކަތަކެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައި މިވަނީ، މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މަައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ފުލުހުން ހިންގަމުންދާ ތަހުގީގަށް ނުފޫޒު ފޯރުވާކަމަށް ބުނެ މީސްމީޑިއާގައި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލައާއި ގުޅިގެން އަނިޔާ ލިބުނު އަންހެން މީހާއަށް އިންސާފު ހޯދައިދިނުމަށް އެދި މާލޭގައި މުޒާހަރާވެސް ކުރަމުންދާ މިވަގުތުގައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި، އެންމެ ފުރަތަަމަކަމަކަށްވެސް ވަނީ އެންމެ ފުރަތަމަ، ދިރިހުރުމަށްޓަކައި ހަނގުރާމަކުރަމުންދާ 21 އަހަރުގެ އަންހެންމީހާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުޢާކުރައްވާކަމަށް ވިދާޅުވެފައެވެ.

އަދި އެ އަންހެންމީހާގެ ހާލާމެދު އެމަނިކުފާނުގެ ހިތުގެ ފުންމިނުން ހަމްދަރުދީ ފާޅުކުރައްވާކަމަށް ވިދާޅުވެ ވަޒީރު ވަނީ އެދުވަހުގެ ހާދިސާއާ ގުޅިގެން ބައެއް ވާހަކަ ޙިއްސާކުރައްވާފައެވެ.

އެގޮތުން، ހުކުރު ދުވަހުގެ (18 އޭޕްރީލް) ފަތިހުގެ ވަގުތެއްގައި ވަޒީރު ދިރިއުޅުއްވާ ޢިމާރާތުގައި އެއްވުމެއް ބޭއްވުނުކަމަށާއި އެ ޢިމާރާތަކީ ވަޒީރުގެ އަމިއްލަފުޅު ޢިމާރާތެއް ނޫންކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވެފައިވަނީ އެއީ ވަޒީރުގެ އެއްބަނޑު އެއްބަފާ 3 މީހުންނާއެކު ބައިވެރިވެގެން ބައްލަވައިގަނެފައިވާ ޢިމާރާތެއްކަމަށެވެ.

އަދި އެދުވަހު އެ ޢިމާރާތުގައި ބޭއްވުނު އެއްވުމަކީ ވަޒީރުގެ އަމިއްލަފުޅު ގެ ނުވަތަ އެޕާޓްމަންޓުގައި ހިނގި ކަމެއްނޫންކަމަށާއި އެ އެއްވުމުގެ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިނުގަންނަވާކަމަށާއި، އަމިއްލަފުޅު އެޕާޓްމަންޓު ނޫންތަނެއްގައި ހިނގާދިޔަ އެއްވެސް ކަމަކީ އެބޭފުޅާއަށް ކޮންޓްރޯލްކުރެވޭނެކަމެއްނޫންކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އެރޭގެ އެއްވުމުގައި ވަޒީރުގެ ދެ ކޮއްކޮއަކު ބައިވެރިވިކަމަށާއި އެދެމީހުންނަށް އަދި އެ ދުވަހުގެ ހާދިސާތަކާ ގުޅިގެން ފުލުހުން ސުވާލުވެސް ކޮށްފައިވާކަމަށެވެ. ވަޒީރަށް މި ހާދިސާގެ މަޢުލޫމާތު އެނގިވަޑައިގެންނެވީވެސް ހުކުރުދުވަހުގެ ހަވީރުގެ ވަގުތެއްގައިކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު، ސަރުކާރުގައި ވަޒީރު ކުރައްވާ މަސައްކަތްޕުޅުގެ ތެރޭފައި، ޤާނޫނު ތަންފީޛުކުރުމާ ނުވަތަ ތަޙްޤީޤުކުރުމާ ގުޅޭ އެއްވެސް މެންޑޭޓެއް ހިމެނޭ މަސައްކަތެއް ނުބަލަހައްޓަވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މި ދުވަހާ ހަމައަށްވެސް، މަތީގައި ބަޔާންކުރެވުނު މައްސަލައާ ގުޅޭގޮތުން ކުރެވޭ ތަޙްޤީޤާ ބެހޭ އަޕްޑޭޓްތައް ހޯދުމަށް، ނުވަތަ އެއްވެސް ތަޙްޤީޤަކަށް ނުފޫޒު ފޯރުވުމަށް، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ނުވަތަ ސަރުކާރުގެ ނުވަތަ އެހެން އެއްވެސް ފަރާތެއްގެ އެއްވެސް މީހަކަށް އެންމެ ފޯނު ކޯލެއްވެސް ނުކުރަމެވެ. އަދި އެއްވެސް މީހަކާ ގުޅިފައެއް ނުވާނެއެވެ. މިއީ ނުފޫޒު ފޯރުވުމުގެ ތުހުމަތުން ދުރުހެލިވުމަށްޓަކައެވެ. މިކަމާ ޚިލާފަށް ސޯޝަލް މީޑިއާގައި ކުރެވޭ ޕޯސްޓުތަކަކީ އެއްވެސް އަސާސެއްނެތި ދޮގުހަދައިގެން ކުރާ ޕޯސްޓުތަކެކެވެ" ވަޒީރު ވިދާޅުވެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް