ނުފޫޒު ފޯރުވައިގެން މެންބަރުން ވެއްދިނަމަ، ޕީއެންސީގައި މިހާރު ތިބޭނީ 90،000 މެންބަރުންނެއް ނޫން: ވަޒީރު

ނުފޫޒު ބޭނުންކޮށްގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން ވެއްދިނަމަ، އެ ޕާޓީގައި މިހާރު ތިބޭނީ 90،000 މެންބަރުންނެއް ނޫން ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލިހަށް ވަޒީރު ހާޒިރުކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު، ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ނުފޫޒު ބޭނުންކޮށްގެން ޕާޓީއަށް މީހުން ވެއްދިނަމަ، ޑރ. ޝަމްހީދުވެސް ހުންނަވާނީ ޕީއެންސީގައި ކަމަށާއި، އެ ޕާޓީގައި ތިބޭނީ 90،000 މެންބަރުންނެއް ނޫން ކަމަށެވެ.

އަދި ހަމައެއާއެކު، ނުފޫޒު ބޭނުންކޮށްގެން އެގޮތަށް ޕާޓީއަށް މީހުން ވެއްދިނަމަ، ރާއްޖޭގައި އެ އުމުރުފުރާގެ ހުރިހާ އެންމެންވެސް ތިބޭނީ ޕީއެންސީގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޑީއެންއާރުގެ ޑޭޓާބޭސްގެ ތެރެއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ހޯދައިގެން އެއްވެސް ޕާޓީއަކަށް އެއްވެސް މީހަކު ވައްދާފައި ނުވާނެ ކަމަށާއި ނަމަވެސް 2014ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމެނޭ ޑޭޓާތައް ލީކުވެފައިވާކަމަށާއި އެ ޑޭޓާ ބޭނުންކޮށްގެން ބައެއް ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށެވެ.

އެ ވުޒާރާގެ ދަށުގައިވާ ޑީއެންއާރު ގައި ހުރި އާންމުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވެއްދުމަށް ޞައްޙަ ނޫން ފޯމު ފުރައި، އެ ފޯމުތައް އީސީއަށް ހުށަހެޅުމުގައި ވަޒީރު އިސްކޮށް ހުންނެވި ކަމުގެ ތުހުމަތުތަކެގައި ވަޒީރު އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ވަނީ މީގެ ކުރިން މަޖިލިހަށް ހުށަހަޅާފައެވެ. ނަމަވެސް ޕީއެންސީ ޕީޖީން ވަނީ މި މައްސަލަ ބޭރުކޮށްލާފައިވާއިރު،  ވަޒީރު އިޙްސާންވެސް ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް