ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް މައްސަލާގައި އަނިޔާލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނިގޮތުގައި، މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ ވަނީ އެ އޮފީސް މެދުވެރިކޮށް ކޯޓަށް ބަޔާނެއް ހުށަހަޅައި، މި މައްސަލައިގެ ޙާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ވަރަށް އަސަރާއެކު ބަޔާންކޮށްދީފައެވެ.
މި ބަޔާން ކޯޓުގައި އިއްވަވައިދެއްވާފައިވަނީ އެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އަލްމާސް މުބާރިކެވެ.
އެ އޮފީހުން ބުނިގޮތުގައި، ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، އެ އޮފީހުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ވިކްޓިމުން، ބާރުވެރިކުރުވުމެވެ. އަދި ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ވިކްޓިމުން ބާރުވެރިކޮށް، ވިކްޓިމުންނަށް ތަސައްލީ ހޯދައިދިނުމަށްޓަކައި ހުޅުވާލެވިފައިވާ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި އަމަލުކުރާ އުޞޫލެކެއްކަމަށްވެސް ޕީޖީ އޮފީހުންވަނީ ބުނެފައެވެ.
މި މައްސަލާގައި ކުށް ސާބިތުވުމަށްފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާލިބުނު ކުއްޖާއަށް ކޯޓުގައި އެކުއްޖާގެ ބަސް އިއްވުމުގެ ފުރުޞަތު ލިބިދިނުމަށް ޕީޖީ އޮފީހުން ކޯޓުގައި އެދުމުން، ކޯޓުން އެ ފުރުޞަތު ދެއްވާފައިވާތީ އެކަމަށް އ އޮފީހުންވަނީ މަރުޙަބާ ކިޔާފައެވެ.
އަދި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށްދީ، ވިކްޓިމް-ސެންޓާރޑް ނިޒާމަކަށް މިސްރާބު ޖެހުމަކީ އެ އޮފީހުގެ އަމާޒެއްކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ހައްސާސް މައްސަލައަކަށް ވެފައި، އަނިޔާލިބުނު ކުއްޖާގެ މަޢުލޫމާތު ޙިމާޔަތްކުރުމުގެ ބޭނުމަށްޓަކައި ކުށްކުރި ފަރާތުގެ މަޢުލޫމާތު އެއޮފީހުން ހާމަކޮށްފައިނުވެއެވެ.





