މަސްޖިދުއްނަބަވީގެ އިމާމު ޕްރީ ސްކޫލް ދަރިވަރުންނާއެކު ވަގުތުކޮޅެއް ޙޭދަކުރައްވައިފި

ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މާލޭގެ ބައެއް ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާއި މިއަދު ހެނދުނު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ވެގެންގޮސްފައިވަނީ ދަރިވަރުންނަށް ވަރަށް އުފާވެރި އިޙްސާސްތަކެއް ގެނުވައިދިން ބައްދަލުކުރެއްވުމަކަށްކަމަށާއި ދަރިވަރުންނާއި ބައްދަލު ކުރެއްވުމުން އުފާކުރައްވާކަމަށާއި، ދަރިވަރުންނަށް ފާޤަތި މުސްތަޤުބަލަކަށް އެދޭކަމަށް، މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޞަލާޙުލް ބުދައިރު ވަނީވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ބައެއް ދަރިވަރުން ވަނީ ޤުރުއާން ކިޔެވުމުގެ ހުނަރު އިމާމަށް ދައްކާލާފައެވެ.

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރުމަށް، އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ ޝަޚުސިއްޔަތުން ދިވެހިރާއްޖެއަށް ގެންނެވުމަށް ރައީސުލްޖުމުހޫރިއްްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް