ރާއްޖޭގައި ހިނގާފައިވާ އެންމެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ބާރު ދުވެލި
ރާއްޖޭގައި ހިނގާފައިވާ އެންމެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ބާރު ދުވެލިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ބާރު ދުވެލީގަ އުޅަނދު ދުއްވުމަކީ ތިމާއާއި މަގު ބޭނުންކުރާ އެހެން މީހުންވެސް ނުރައްކަލަށް ހުށަހެޅިގެންދާކަމެއްކަމަށް ފާހަގަކޮށްފައިވާއިރު، ފުލުހުން ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައި އެކްސިޑެންޓް ހިނގާފައިވާގޮތުގެ ތަފާސްހިސާބެއް ޢާއްމުކޮށްފައެވެ. އެ ހިސާބުތަކުން ދައްކާގޮތުގައި، މި ކުއާޓަރުގައި އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލެ ސަރަހައްދުގައި 1،068 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި އެންމެ ގިނައިން އެކްސިޑެންޓް ހިނގީ މާލޭގައިކަމަށްވާއިރު، ފެބްރުއަރީ މަހު އެކަކު ވަނީ މަރުވެފަ އެވެ. މާލެ ސަރަހައްދުގައި ހިނގި އެކްސިޑެންޓުތަކުގެ ތަފާސްހިސާބު

މާލެ: ޖެނުއަރީ - 152| ފެބްރުއަރީ - 216| މާޗް - 193

ހުޅުމާލެ: ޖެނުއަރީ - 145| ފެބްރުއަރީ - 169| މާޗް - 140 ވީއައިއޭ: ޖެނުއަރީ - 19| ފެބްރުއަރީ - 12| މާޗް - 18 ވިލިމާލެ: ޖެނުއަރީ - 2| ފެބްރުއަރީ - 1 | މާޗް - 1
މީގެ އިތުރުން ފުލުހުން ވަނީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި މި އަހަރުގެ ޖެނުއަރީ އިން މާޗްގެ ނިޔަލަށް 203 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ އެކްސިޑެންޓުތަކުގެ ހިސާބުތައްވެސް ޢާއްމުކޮށްފައެވެ. އެ ހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދު ފިޔަވައި އެންމެ ގިނަ އެކްސިޑެންޓް އައްޑޫ ސިޓީގައި ހިނގާފައިވާއިރު، މި އަހަރުގެ ޖެނުއަރީ އިން މާޗްގެ ނިޔަލަށް އައްޑޫ ސިޓީގައިވަނި 81 އެކްސިޑެންޓް ހިނގާފައެވެ. އަދި މި އެކްސިޑެންޓްތަކުގައި އެކަކު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެންކަމުން ދުއްވާ އުޅަނދަކީ، ދެ ފުރޮޅުލީ ނުވަތަ ހަތަރު ފުރޮޅުލީ އުޅަނދަކަށްވިނަމަވެސް، ކޮންމެ ދަތުރަކީ ވެސް އަމާން ދަތުރަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށާއި، ފަރުދީ ޒިންމާ އަދާކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް