މަސްޖިދުއްނަބަވީގެ އިމާމު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރާ ބައްދަލު ކުރައްވައިފި

ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގެ ހަވާސާގެ ތެރެއިން އެމަނިކުފާނު ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، އެމަނިކުފާނަށް މަރުޙަބާ ދަންނަވާ ވުޒާރާގެ ދަޢުވަތު ޤަބޫލުފުޅު ކުރައްވާ ދިވެހިރާއްޖެއަށް ވަޑައިގެންދެއްވިކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ. އަދި އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަމަށްޓަކައި ވަޒީރު ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސް އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅުގައި މިއަދުވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ކަންކަން ކުރިއަށްދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުންކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުގެ ޙާއްސަ ދަރުހެއް 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:15 ގައި އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބައިގައި ބާއްވާގޮތަށް ހަމަޖެހިފައިވާއިރު، މި ދަރުސްގެ ދިވެހި ތަރުޖަމާ ދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.

އަދި ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުރައިދު، 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވައި 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދުވެސް ކުރައްވާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދީފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް