ސިފައިން، އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނު ފޮނުއްވި ޚިތާބުގައި ވިދާޅުވީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ނުގުޑާ ޢަޒުމާއި، ދެގޮތެއް ނުވާ ސާބިތުކަމާއި، ޤައުމީ ލޯބީގެ ރީތި ނަމޫނާއަށް ފަޚުރުވެރިވެވަޑައިގަންނަވާކަމަށެވެ.
އަދި އެމަނިކުފާނުވަނީ، ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ، ޢަސްކަރިއްޔާގެ ބަދަހި ލަޝްކަރަށާއި، ސިފައިންގެ ޢާއިލާތަކަށް، އަދި ވޭތުވި މާޒީގައި އެ މުއައްސަސާގައި މަސައްކަތްކޮށްދެއްވާފައިވާ ހުރިހާ ޚިދުމަތްތެރީންނަށް، ސާބަހާއި ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން، ދިވެހީންގެ އެވޭލާ ތާރީޚުގެ ވާހަކަތައް ފެންނާން އޮތް އެންމެ ދުރު ހިސާބުން ފެށިގެން މިއަދާއި ހަމަޔަށްވެސް ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތް މި ޤައުމު، އެއް ވެރިކަމެއްގެ އަމުރުމަޢުރޫފުގެ ދަށުގައި، މުސްތަޤިއްލު ވަޒަނެއްގެ ގޮތުގައި ދެމިއޮތީ، އެއްވެސް ޝައްކެއްނެތް ގޮތުގައި ޤައުމުގެ މިނިވަންކަމާއި އެއްބައިވަންތަކަން ހިފަހައްޓައިދިނުމަށް ކެނޑިނޭޅި ބަޔަކުވީ ގުރުބާނީގެ ސަބަބުން ކަމަށާއި، ކޮންމެ ނަމެއް ކޮންމެ ޒަމާނަކު ކިޔާފައިވީ ނަމަވެސް، މި ގުރުބާނީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަބަދުވެސް އަދާކުރީ، ޤައުމު ދިފާޢުކޮށް، އަމާންކަމާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް ރުކުރުވާލާފައިވާ ލަޝްކަރު އަދި މިއަދު އަޅުގަނޑުމެން މި ނަންކުރާ ދިވެހި ޤައުމީ ދިފާޢީ ބާރު، ނުވަތަ ދިވެހި ސިފައިންކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، އަމިއްލަ ނަފުސާ ޢާއިލާތަކަށްވުރެ އަބަދުވެސް އިސްކުރީ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތުކަމަށާއި، ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމަކާއި ކޮންމެ އުނދަގޫ ވަގުތަކު، ދިވެހީންނަށްޓަކައި ދަލާއި ލޭ އޮހޮރުވައި، ރެޔާއިދުވާލު ވަރުބަލިވުމެއް ނެތި ބުރައުފުލުމުގައި އިސްނެގީ ދިވެހި ސިފައިންކަމަށާއި، އެފަދަ ކޮންމެ ޚުޠޫރަތްތެރި ވަގުތަކުވެސް، "ޤައުމުގެ ޙައްޤުގައި ހޭވައްލާ ތައްޔާރު"ވެ ޚިދުމަތަށް އަވަސްވެގަތީވެސް ހަމަ ދިވެހި ސިފައިންކަމަށް އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.
އަދި ކޮންމެ ކަންބޮޑުވުމަކުން ރައްޔިތުން ދަފަރާކުރުމަށް، އެއްގަމާއި ކަނޑާއި ވައިގެތެރޭގައިވެސް 24 ގަޑިއިރު ހުއްޓުމެއްނެތި ހަރަކާތްތެރިވަމުން ދަނީ ދިވެހި ސިފައިންކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި، އެކި ޒަމާނާއި އެކި ޙާލަތުގައި އެކި މިސްރާބަށް ކަންކަން އެނބުރެމުން މިދާ ދިއުމުގައި، ދިވެހި ދައުލަތާއި ދީބަށް ލޮޅުމެއް އެރިޔަ ނުދީ، މަސަލަސްކަމާއި މަޖްދާއި ކަރާމާތް ދެމެހެއްޓުމުގެ އެންމެ މަތިވެރި ގައުމީ ޒިންމާ އުފުލާނީ ދިވެހި ސިފައިންކަމަށެވެ.
"ދިވެހި ސިފައިންގެ މުލައްދަނޑިތަކުގައި ޤައުމީ ލޭ ދައުރުވާހައި ހިނދަކު، ދިވެހި ޢަސްކަރީންގެ ހިތްތަކުގައި މިނިވަންކަމުގެ ވިންދު ޖަހަމުންދާހާ ހިނދަކު، އިރާދަކުރެއްވިއްޔާ ދިވެހީންގެ މިނިވަންކަމަކަށް، ދެމިތިބުމަކަށް، އިރުއޮއްސުމެއް ނެތެވެ" ރައީސް ވިދާޅުވެފައިވެއެވެ.





