ރަމަޟާންމަހު ތަކެތީގެ އަގުތައް އެއްހަމައެއްގައި ބެހެއްޓުމަށް އެހީތެރިވި ފަރާތްތަކަށް ވަޒީރު ޝުކުރުއަދާކުރައްވައިފި

ފާއިތުވި ރަމަޟާން މަހު ބާޒާރުގައި އަސާސީ ބާވަތްތަކުގެ މުދާ ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ތަކެތީގެ އަގުތައް އެއް ހަމައެއްގައި ބެހެއްޓުމަށް ހިންގުނު ޕްރޮގްރާމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ޝުކުރު އަދާކުރައްވައިފި އެވެ.

މި ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އަހައްމިއްޔަތުކަމެއްގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެސްޓީއޯ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. ވަޒީރު ސައީދު މިއަދު ވަނީ މި ޕްރޮގްރާމްގައި އިސްކޮށް މަސައްކަތްކުރެއްވި ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.

މިކަމުގައި ބިޒްނަސް ކައުންސިލާއި ވިޔަފާރިވެރީން ފޯރުކޮއްދެއްވި އެހީތެރިކަމަކީ އެފަރާތްތަކަށް ޝުކުރު ޙައްގު މުޙިއްމު މަސައްކަތެއްކަމަށާއި، މާތް الله ގެ   ވާގިފުޅާއިއެކު މިމަސައްކަތް ކާމިޔާބު ކަމާއިއެކު ވަނީ ކުރިއަށް ގެންދެވިފައިކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އާންމުކޮށް ރަމަޟާން މަސްތަުގައި އަސާސީ ތަކެތީގެ އަގު މައްޗަށް ދިއުމާއި މުދާ ލިބުމުގައި ދަތިތަކާ ކުރިމަތިވުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން އާއްމުން ފާޅުކުރެއެވެ. އެހެންކަމުން، މި އަހަރުގެ ރަމަޟާން މަހުގައި ވެސް ފިޔާ، އަލުވި، ބިސް، ތެޔޮ، ލޮނު، އިނގުރު، ލޮނުމެދު އަދި ލިބޯ ކާށި ފަދަ ތަކެތީގެ އަގު މައްޗަށް ދިޔުމާ ގުޅިގެން އެސްޓީއޯއިން ވަނީ އެ ތަކެތި ރާއްޖެ އެތެރެކޮށް އަގު ކޮންޓްރޯލްކޮށްފައެވެ. މީގެ ސަބަބުން މިއަހަރުގެ ރަމަޟާން މަހު އަސާސީ ތަކެތީގެ އަގުތައް އެއް މިންގަނޑެއްގައި ހިފެހެއްޓި، އާއްމުންނަށް އެކަމުގެ ސަބަބުން ލުއިތަކެއްވެގެން ދިޔަކަން ވަނީ ފާހަގަކުރެވިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް