ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމުގެ މަޝްރޫޢު މިއަދު ފަށައިފި

ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމަށް ފްލޯޓިންގް އޭކަރސް އިން ކުރިޔަށްގެންދާ މަޝްރޫޢު ބ. ފެހެންދޫގައި ވަޒީރު އަހުމަދު ޝިޔާމް ރަސްމީކޮށް މިއަދު އިފްތިތާހުކޮށް ދެއްވައިފިއެވެ.

"ފްލޯޓިން އޭކަރސް" ނަމަކަށް ކިޔާ ކުންފުންޏަކުން ފަށާފައިވާ މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ފެށުުނު މަޝްރޫއަކަށްވާއިރު، މި މަޝްރޫޢަކީ މެރިކަލްޗަރ ސިނާޢަތް ދިވެހިންނަށް އިޤްތިޞާދީ ނަފާ ލިބޭ ސިނާޢަތަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ފެށިގެންދިޔަ މުހިންމު މަޝްރޫޢެކެވެ.


ފްލޯޓިން އޭކަރސް ކުންފުނިން ހައްދަމުންދަނީ ކާތަކެތި ތައްޔާރުކުރުމާއި ބޭހާއި ކޮސްމެޓިކްސްގެ އެކި ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މޫދު ވިނައިގެ ބާވަތެއް ކަމަށާއި އެ ކުންފުނިން ވިނަ ހިއްކުމަށްފަހު އެކްސްޕޯޓްކުރާނެކަމަށާއި، އިންޑިޔާގެ މާކެޓަކުން މިހާރުވެސް އެ ގަތުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް