ސާނަވީ ނިންމާ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް މިނިސްޓަރ ހިތްވަރުދެއްވައިފި

މިއަހަރުގެ ސާނަވީ ނިންމާ އިމްތިޙާނުތައް މިއަދު ފެށުމާ ގުޅިގެން، އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވަނީ ދަރިވަރުންނަށް ހިތްވަރުދެއްވައިފިއެވެ.

ދަރިވަރުންނަށް ހެޔޮ އެދުންތައް ފާޅުކުރައްވަމުން މިނިސްޓަރގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، މިއަހަރުގެ ސާނަވީ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް ކާމިޔާބު މިންވަރުކޮށްދެއްވުމަށް އެދި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށާއި، މާތް ﷲގެ ޙަޟުރަތުގައި ދުޢާ ކުރުމަށާއި، މުދައްރިސުން ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތަށް ފިލާވަޅުތައް ދަސްކުރުމަށް މިނިސްޓަރ ވަނީ ވިދާޅުވެފައިވެއެވެ.

އަދި މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރިވުމަށާއި ބިސްމީގެ ބަރަކާތުން އިމްތިޙާނު ކަރުދާހަށް ޖަވާބުދޭން ފެށުމަށް ވެސް މިނިސްޓަރުވަނީ އިރުޝާދުދެއްވާފައެވެ. މިއަދުގެ މިފެށޭ އިމްތިޙާނުތަކުގައި ދިވެހިރާއްޖޭގެ ސްކޫލުތަކުން 7971 ދަރިވަރުން ބައިވެރިވާއިރު ރާއްޖޭގެ 260 ސެންޓަރެއްގައި އިމްތިހާނު ހެދުމަށް ހަމަޖެހިފައިވާއިރު އެއީ މާލެ ސަރަޙައްދުގެ 23 ސެންޓަރަކާއި، އަތޮޅު ތެރޭގެ 237 ސެންޓަރެކެވެ.

މިއަހަރު އެންމެ ފުރަތަމަ އޮންނާނީ އިސްލާމީ ތަރުބިއްޔަތު މާއްދާގެ ފުރަތަމަ ޕޭޕަރެވެ. މި އިމްތިޙާނުތައް ޖޫން މަހުގެ 11 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް