ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ: ވަޒީރު

ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި، އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީރޫމް އިތުރަށް ހަރުދަނާކޮށް ބެޑް އިތުރު ކުރުމާއި ޑައިލިސިސްގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ.

އަދި، އެ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ވޯޑަށް އެނދު އިތުރުކުރުމާއި، އޯޕީޑީ އަދި އިންޕޭޝަންޓް ޚިދުމަތް ފުޅާކުރުމަށް ރޫމް އިތުރު ކުރުމާޢި، މެންޓަލް ހެލްތު އޯޕީޑީ ގެ ޚިދުމަތް ފުޅާކުރުން ހިމެނޭކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ހުރިހާ ޚިދުމަތެއްވެސް ފުޅާކުރެވޭނެ ގޮތަށް ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫއެއް ހިނގުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ މުހިންމު މަސެއްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޑޮކްޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ޑޮކްޓަރުން ކޮންމެ ދުވަހަކުވެސް ދައްކަވާ ކެތްތެރިކަމަށް ތަޢުރީފުކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވަމުން ވަޒީރު ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ، ރާއްޖޭގައި މިއަށްވުރެ ގިނަ ޒިންމާދާރު، ހުނަރުވެރި ޑޮކްޓަރުން ތިބެގެން، ޚިދުމަތްތެރިކަމާއެކު މަސައްކަތް ކުރާނެ ޑޮކްޓަރުން ތިބުންކަމަށެވެ. 

ހުޅުމާލޭ ހޮސްޕޓަލުގެ އެކާވީސް ވަނަ އަހަރީ ދުވަސް ރޭ ފާހަގަކުރި އިރު ހޮސްޕިލަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންނާއި، ރީތި ނަން ހޯއްދަވާދެއްވާފައިވާ އަދި ޚާއްޞަކޮށް ޑޮކްރުންގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް އެވޯޑުތައް އަރުވާފައިވާއިރު، މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ދިގުމުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް