މިއަދު ބާއްވާ ޕެރޭޑް ނިމެންދެން ބައެއް ސަރަހައްދުތަކުގައި އުޅަނދުތައް ޕާކުނުކުރުމަށް އަންގައިފި

ދިވެހި ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން މިއަދު ހަވީރު ޕެރޭޑް ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑް ނިމެންދެން ބައެއް ސަރަހައްދުތަކުގައި އުޅަނދުތައް ޕާކުނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.

މިއީ، ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު، މާލޭގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ޕެރޭޑެކެވެ. ފުލުހުން ބުނެފައިވަނީ މި ޕެރޭޑް ކުރިއަށްދާ ހިސާބުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ. އަދި ފުލުހުންވަނީ މި ޕެރޭޑް ނިމެންދެން ފުލުހުން ހިއްސާކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ މަގުތަކުގައި ޕާކްނުކުރުމަށް ދަންނަވާފައެވެ.

މި ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:15 ހާއިރު ބަންޑާރަކޮށިންނެވެ. އަދި މި ޕެރޭޑުގައި ބައިވެރިވާ ލަޝްކަރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރު މުޙައްމަދު މުޢިއްޒުއެވެ.

ލަޝްކަރު ހުއްޓޭ ސަރަހައްދުތަކުގެ ތެރޭގައި އަމީރު އަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތި ހިމެނެއެވެ.

މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ. މި ހިނގާލުމުގައި ދިވެހި ސިފައިންގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ރައްޔިތުންނަށް ދައްކުވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޚާއްޞަ ހަރަކާތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް