ހުޅުދުއްފާރުގައި މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކޮށްފި

ހުޅުދުއްފާރުގައި މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފާހަގަކޮށްފިއެވެ.

މިކަން ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރެވެ.

އެގޮތުން ވަޒީރު ހުޅުދުއްފާރަށް އިއްޔެ ވަޑައިގަތުމުން، ހުޅުދުއްފާރުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހުޅުދުއްފާރުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.

އަދި ރޭގެ ޚާއްސަ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ، ހުޅުދުއްފާރަކީ މީހުން ހިޖުރަކުރި ރަށްތަކުގެ ތެރޭން ވަރަށް ނަމޫނާ ރަށެއްކަމަށާއި، އެރަށަކީ އެ އަތޮޅުގެ ގިނަ ބަޔަކަށް އަމާޒުކޮށްގެން ކުރާ ކަންތައްތައް، އެންމެ ފަސޭހައިން އެ އަތޮޅުގައި އިންތިޒާމުކުރެވޭ އަދި އެންމެ ރަނގަޅަށް އެ ފަދަ ކަންކަމުގައި މަރުޙަބާ ކިޔުއްވާ ރަށް ކަމަށެވެ.

އަދި އެ ކަން އެގޮތަށް ހިނގަމުން އަންނަނީ އެ ރަށަށް ހިޖުކުރައްވާފައި ރަށްތަކުގެ ރައްޔިތުންގެ ކިބައިން ފާހަގަކުރެވިފައިވާ ޚާއްޞަ ސިފަތަކެއްގެ ސަބަބުން ކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ހުޅުދުއްފާރަކީ، ރައްޔިތުންގެ މެދުގައި ވަރަށް ބަދަހި ގުޅުމެއް އޮތް ރަށެއްކަމަށާއި ޢިލްމީ ގޮތުންނާއި، މަސައްކަތްތެރިކަމުގެ ގޮތުން ޤާބިލް ޒުވާނުންތަކެއް ހުޅުދުއްފާރުގައި މިއަދު އުފެދިފައިވާކަމަށެވެ.

ރޭ ހުޅުދުއްފާރުގައި ބޭއްވި ރަސްމިއްޔާތުގައި ހުޅުދުއްފާރުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ބައެއް ސްޓޭޓް މިނިސްޓަރުންނާއި، ކުލަސްޓަރތައް ބެލެހެއްޓެވުމާއި ޙަވާލުވެ ތިއްބެވި މި މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް