ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިދަރިންގެ އަބުރާ ކަރާމާތަށް އުނިކަން އަންނަގޮތައް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޝަހީމް

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިދަރިންގެ އަބުރާ ކަރާމާތަށް އުނިކަން އަންނަގޮތައް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައިވާއިރު، ބެލެވޭގޮތުގައި މިއީ ރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި، ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލާއި، ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ދެއްކެވި ވާހަކަތަކުގެ ސަބަބުން މިނިސްޓަރު ވިދާޅުވި އެއްޗެކެވެ.

އެގޮތުން، ރޭގެ ޖަލްސާގައި ޖަމީލް ވިދާޅުވެފައިވަނީ ރައީސް ޑރ މުޢިއްޒަށް ސުވަރުގެ ޙަރާމްވާނެ ކަމަށާއި އަދި ޝައުކަތު ވިދާޅުވެފައިވަނީ ރައީސް ޑރ މުޢިއްޒު މަރުވާނެ ނަމައޭ ހިތަށް އަރާ ކަމަށް މީހަކު ބުނި ކަމަށެވެ.

މި މޭރުމުން މުޙައްމަދު ޖަމީލު އަދި ނާއިފް ޝައުކަތު ވާހަކަދައްކާފައިވާތީ އެކަމުގެ ސަބަބުން ގިނަ ބަޔަކު މީސްމީޑިއާގައި އެވާހަކަތަކަށް ފާޑުކިޔަމުންދާއިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްވެސް ވަނީ އެކަމަށް ރައްދުދެއްވާފައެވެ.

އެގޮތުން އެދެބޭފުޅުންވެސް ވިދާޅުވެފައިވަނީ ސުވަރުގެ ދެއްވުންވަނީ ﷲއަށް ކަމަށާއި އަދި ސިޔާސީ ޕާޓީގެ ނަމުގައި ފުރައްސާރަނުކުރުމަށް އެބޭފުޅުންވަނީ ގޮވާލައްވާފައެވެ.


މިކަމާ ގުޅިގެން މިނިސްޓަރު ޝަހީމް ވިދާޅުވީ ޚިޔާލުތަފާތުވުންތައް އޮންނަންވާނީ "މަކާރިމުލްއަޚުލާޤުގެ" ތެރޭގައި ކަމަށާއި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަޤާމުގައި ހުންނަވާ އެއްވެސް ބޭފުޅަކަށް ޒާތީގޮތުން ދިމާކޮށް، އެބޭފުޅަކާއި އަނބިދަރިންގެ އަބުރާ ކަރާތަށް އުނިކަން އަންނަގޮތައް އަމަލުކުރުމަކީ ބަލައިގަނެވޭނެކަމެއްނޫންކަމަށެވެ.

އަދި މިފަދަ ކަންކަން ކުރާ ފަރާތްތަކުން މިކަންކަން ހުއްޓާލަންޖެހޭކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް