ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ހިނގާލުން މާދަމާ ބާއްވަނީ

ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަގުމަތީ ހިނގާލުން މާދަމާ (2025 އޭޕްރީލް 19 ވަނަ ދުވަހު)، މާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:15 ހާއިރު ބަންޑާރަކޮށިންކަމަށާއި ހިނގާލުން ފެށުމަށް ހަމަޖެހިފައިވާ މަގުމަތީ ހިނގާލުމުގައި ލަޝްކަރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުކަމަށް އެމްއެންޑީއެފްއިން ވަނީ މަޢުލޫމާތުދެއްވާފައެވެ.

އަދި މާލޭގެ ކަނޑައެޅިފައިވާ މަގުތަކުން މި ހިނގާލުން ކުރިއަށްގެންދަން ހަމަޖެހިފައިވާ އިރު، ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާނެކަމަށާއި ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕާފޯމް ކުރާގޮތަށް ވަނީ ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިގޮތުން މި ހިނގާލުމުގައި ލަޝްކަރު ހުއްޓޭނެ ސަރަހައްދުތަކަކީ، އަމީރުއަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ.

މަގުމަތީ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ. މި މަގުމަތީ ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް