މަސްޖިދުއް ނަބަވީގެ އިމާމު މިމަހު 21 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

މަދީނާގެ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެގޮތުން އެމަނިކުފާނު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްކުރައްވަން ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން ޢަބްދުލް އަޒީޒު ހުއްދަ ދެއްވީ މިދިޔަ ހަފުތާގައިކަމަށާއި، މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަޠީބު ރާއްޖެއަށް ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ގެނައުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އެމަނިކުފާނަށް ދެއްވި ދަޢުވަތެއްގައިކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އަދި އެމަނިކުފާނު މި މަހުގެ 21 ވާ ހޯމަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުވެސް ވަނީ ވިދާޅުވިއެވެ.


ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި އާންމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރަށް ޙަރަމްފުޅެއްގެ އިމާމަކު ރާޢްޖެ ވަޑަިއގެންފައިވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލެވެ.

މަދީނާގެ ޙަރަމްފުޅުގެ އިމާމު ޑރ ޞަލާޙުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވައެވެ. އިސްލާމީ ދުނިޔޭގެ އިޙުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.

މި ޒިޔާރަތުގެ ކަންކަން ކުރިއަށްދަނީ ރައީސްގެ އިރުޝާދުގެ ދަށުންކަމަށާއި މަދީނާގެ ޙަރަމްފުޅުގެ އިމާމު ރާއްޖެވަޑައިގެންނެވުމުގެ ކަންކަން ހަމަޖައްސަވައިދެއްވިކަމަށްޓަކައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށާއި ވަލީ އަހުދު މުޙައްމަދު ބުން ސަލްމާނަށް ވަޒީރު ޑރ. ޝަހީމް ވަނީ ޝުކުރު ދަންނަވާފައިކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އަދި މިޒިޔާރަތުގެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްވެސް ވަޒީރު ޝަހީމްވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް