ވިލިމާލޭގެ ގިރާ ސަރަޙައްދު ގައި ޖަމްބޯ ބޭގް ޖަހަން ފަށައިފި

ވިލިމާލޭގެ ގިރާ ސަރަޙައްދު ގައި ޖަމްބޯ ބޭގް ޖަހަން ފަށައިފިކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލޭ ގޮނޑުދޮށް ގިރަމުންދާތީ އެސަރަހައްދުގައި ހުރި ގަސްތައް ވެއްޓުމުގެ ބިރު އޮތުމާއެކު އެކަން ކޮންސްޓްރަކްޝަން މިނިސްޓަރާއި ހިއްސާކުރެއްވިކަމަށާއި، މިއާއެކު ވަގުތުން އެކަމަށް އިޖާބަ ދެއްވާ ދެގަޑިއެއްހާއިރު ތެރޭގައި ގިރަމުންދާ ސަރަޙައްދުގައި ޖަމްބޯ ބޭގް ޖެހުމުގެ މަސައްކަތް ފައްޓަވާދެއްވިކަމަށެވެ.


މި މަސައްކަތް ކުރަނީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިންކަމަށްވާއިރު، މިއީ ސިޓީ ކައުންސިލުން އެދިގެން ކޮންސްޓްރަކްޝަން މިނިސްޓްރީގެވެސް އެހީތެރިކަމާއި އެކު ކުރިއަށްގެންދެވޭ މަސައްކަތެކެވެ.

އަރީޝް އިތުރަށް ވިދާޅުވީ، ވިލިމާލޭގެ އިރުއުތުރު އަދި އިރުދެކުނު ސަރަޙައްދުގެ ގޮނޑުދޮށް ގިރަމުންދާކަމަށާއި މިހާތަނަށް ގަސްތަކެއް ވެއްޓިފައި ނުވިނަމަވެސް، މިދުވަސްވަރު އެސަރަޙައްދު ގިރަމުންދާގޮތުން ގަސްތައް ވެއްޓުމުގެ ބިރު އޮތަތީ އެފަދަކަމެއް ކުރިމަތިވުމުގެ ކުރިން ވަޒީރު ޑރ.މުއްޠަލިބުގެ ސަމާލުކަމަށް ގެންނެވީކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް