މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ބޭނުންވާނެ ހާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފި

މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ބޭނުންވާނެ ހާއްސަ ތަމްރީން ޕްރޮގްރާމެއް ލޯންޗްކޮށްފިއެވެ.

މިއީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން ވާރލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން ފަށާ އަޕްސްކްލިންގ ޕްރޮގްރާމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ "ދިވެހިންނަށް ޚާއްޞަ އަދި ދިވެހީންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރުމަށް" ކަނޑައަޅާފައިވާ ސިޔާސަތުގެ ތެރެއިން ޒުވާން ޤާބިލު ލޭބަރ ފޯސްއެއް ތައްޔާރުކުރުމަށް ލޯންޗްކުރެވުނު މި ޕްރޮގްރާމްގެ އަނެއް މަޤްޞަދަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކާއި ގުޅިގެން މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ބޭނުންވާނެ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ މަގުފަހިކޮށްދިނުމެވެ.

މީގެ ދަށުން، ރާއްޖޭގެ އިޤްތިޞާދުގެ މައިތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުންނަށް ފޮރިންގ ލެންގްއޭޖު ދަސްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މެންޑަރިން، ފްރެންޗް، ސްޕެނިޝް އަދި ރަޝިޔަން ފަދަ ބަސްބަހުން މުޢާމަލާތް ކުރުމުގެ ހުނަރު ދަސްކޮށްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި އަދި އިއާދަކުރުވަނި ހަކަތައިގެ ވަސީލަތްތަކަށް ބަދަލުކުރުމަށް ސަކުރާކުރުން ފަށައިފައިވާ މަސައްކަތަށް ބޭނުންވާނެ ހުނަރުވެރިން ތަމްރީންކުރުމަށާއި އަދި ގްރީން ވާރކް ފޯސްއެއް ބިނާކުރުމަށް ހާއްސަ ތަމްރީނުތަކެއްވެސް މި ޕްރޮގްތާމުގައި ހިމެނިފައިވާނެއެވެ.

މިހާރު ލޯންޗްކޮށްފައިވާ ޕްރޮގްރާމުގެ ދަށުން މި އެޕްރީލް މަހު ފެށުމަށް ހަމަޖެހިފައިވާ ތަމްރީންތަކަކީ، ސެޓްފިކެޓް 3 އިން މެރިން މެކޭނިކް، ސެޓްފިކެޓް 3 އިން ރިނިއުބަލް އެނަޖީ ސިސްޓަމްސް އެންޑް މެއިންޓަނަންސް، ސެޓްފިކެޓް 3 އިން ގެސްޓްހައުސް މެނޭޖުމަންޓް، ސެޓްފިކެޓް 3 އިން ސްނޯކްލިންގ ގައިޑް، ބޭސިކް ޗައިނީސް ލެންގްއޭޖް (ޓްއަރިޒަމް)، ސެޓްފިކެޓް 3 އަކުއަރޓިކް ރިކްރިއޭޝަން އަދި ސެޓްފިކެޓް 3 މޭކަޕް އެންޑް ބިއުޓީ ކެއަރއެވެ.

މި ތަމްރީންތައް ހިންގުމަށް ހަމަޖެހިފައިވަނީ މާލެ އާއި އަތޮޅުތެރޭގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް