ފަރަށްއަރާ ބޯޓުތަކުން ޖޫރިމަނާ ފައިސާ ލިބޭނެކަން ޔަގީންކުރުމަށް ގަވާއިދެއް ހަދަނީ

ރާއްޖޭގެ ފަރުތަކަށް އަރައި ބޯޓުފަހަރު ޖޫރިމަނާކުރުމުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށް ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން، އެ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަޝްރޫޢުތައް ހިންގާއިރު، ބޭރު ޤައުމުތަކަށް ރަޖިސްޓްރީކޮށްފައިވާ ބާޖުތަކާއި ބޯޓުފަހަރު ދިވެހި ކަނޑުތަކުގައި ހަރަކާތްތެރިވަމުންދާއިރު، ގިނަ ފަހަރަށް މިފަދަ އުޅަނދުފަހަރު ފަރަށް އަރައި، ފަރުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން ކުރާ ޖޫރިމަނާތައް ނުދައްކާ ކަމަށެވެ.

އަދި ޖޫރިމަނާ ފައިސާ ހޯދުމަށް އެންމެ އެކަށީގެންވާ ގޮތަކީ ރާއްޖެ އެތެރެވާ ބޯޓުފަހަރަކީ އިންޝުއަރެންސް ނަގާފައިވާ ބޯޓުތަކެއްކަން ކަށަވަރުކުރުން ކަމަށާއި އަދި މިކަމަށްޓަކައި "ނައިރޯބީ ކޮންވެންޝަން" ގައި ބައިވެރިވުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނަޢީމް ވިދާޅުވީ ބައެއް ބޯޓުފަހަރު ފަރަށް އަރާފަހުން ނުނަގާ ހުންނަކަމަށާއި ޖޫރިމަނާ ކުރެވެން އޮންނަނީ ބޯޓު ފަރުން ނެގީމަކަމަށްވާއިރު، ފައިސާ ހޯދަންޖެހެނީ ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ކަމަށެވެ.

މިކަމާގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ މަޢުލޫމާތުދޭގޮތުގައި، މިވަގުތު ކޯޓުތަކުގައި ހިނގަމުންދާ ފަރަށް އެރި ބޯޓުފަހަރުގެ 9 މައްސަލައިގައި، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 5 މިލިއަން ރުފިޔާ ލިބެންޖެހެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް