ފަލަޞްޠީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި، ރައީސް ކުރައްވަނީ ޝުކުރު ޙައްޤު މަސައްކަތްތަކެއް: ޑރ. ޝަހީމް

ފަލަޞްޠީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަނީ ޝުކުރު ޙައްޤު މަސައްކަތެއްކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަޞްޠީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި، އަޑު އުފުލުމާއި، އެހީތެރިވުމާއި އަމަލީ ގޮތުން ކުރެވެންހުރި ކަންކަން ކުރެއްވުމުގައި ރައީސް ގެންދަވަނީ ޝުކުރު ޙައްޤު މަސައްކަތްތަކެއް ކުރައްވަމުންކަމަށެވެ.

ވަޒީރު މިހެން ވިދާޅުވެފައިމިވަނީ، ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ރައީސް ވަގުތުން އެ ބިލު ތަސްދީޤުކުރައްވާފައިވާ ދަނޑިވަޅެއްްގައެވެ.


އެ ބިލަކީ، 2025 އޭޕްރިލް މަހުގެ 15 ވަނަ ދުވަހު (މިއަދު) ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލަކަށްވާއިރު، ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.

ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ
ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް