ތުރުކީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގެ ސަބަބުން ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ: ވަޒީރު

ތުރުކީގެ ވިޔަފާރިވެރިންނާއެކު އިސްތަންބޫލްގައި ބޭއްވި ބައްދަލުވުންތަކުގެ ސަބަބުން ވިޔަފާރީގެ ފުރުޞަތުތައް ރާއްޖެއަށް ފަހިވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު ތުރުކީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއެކު، އެގައުމުގެ ވިޔަފާރިވެރިންނާއި ތުރުކީވިލާތުގައި ޤާއިމްވެފައިވާ ބައިނަލްއަޤުވާމީ ވިޔަފާރިވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ.


އެގޮތުން، ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ) އިން އިންތިޒާމްކޮށްގެން ބޭއްވި މި ބައްދަލުވުމަށް އަލިއަޅުވާލައްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ބައްދަލުވުންތަކުގެ ސަބަބުން އިންވެސްޓްމެންޓާއި ވިޔަފާރީގެ ފުރުޞަތުތައް ވަރަށް ބޮޑަށް ފަހިވެގެންދާނެ ކަމަށެވެ.

މި ބައްދަލުވުން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދެވީ ޑީއީއައިކޭ ބޯޑުގެ ޗެއަރމަނާއި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް ނާއިލް އޮލްޕަކެވެ. މި ބައްދަލުވުމުގައި ތުރުކީގެ އެކި ދާއިރާތަކުގެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ބަދަހިކުރުމާއި ވިޔަފާރީގެ އައު ގުޅުންތައް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެ، ކުރިއަށް އޮތްތާނގައިވެސް މިފަދަ ބައްދަލުވުންތައް ބޭއްވިގެންދިއުމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބައްދަލުވުންތަކުގައި ރާއްޖޭގައި އަލަށް އެކުލަވާލާފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫނާއެކު، އިންވެސްޓްމަންޓާއި ވިޔަފާރީގެ ދާއިރާއަށް އިތުރު ފުރިހަމަ ނަތީޖާތަކެއް ލިބުނުކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީ ވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެއްޖެކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް