ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުގެ މަގާމަށް މއ. ސިގްމާ، އަލްއުސްތާޛް މުޙައްމަދު މުޖުތާޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުޙައްމަދު މުޖުތާޒް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ، ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުންނެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރަކު ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. އެ މަޤާމު ހުސްވެފައިވަނީ މާރިޗު 11 ވަނަ ދުވަހު އެ މަޤާމުގައި ހުންނެވި އިބްރާހިމް ރަޝީދު އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިބްރާހީމް ރަޝީދު އެ މަޤާމުން އިސްތިއުފާ ދެއްވީ މުވައްޒަފުން ރެކްރޫޓް ކުރުމުގައި ހުރި ބައެއް މައްސަލަތަކާއި އިތުރު ބައެއް ތުހުމަތުތަކާއި ގުޅިގެން އެބޭފުޅާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފަށާފައިވަނިކޮށެވެ.