ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކައާގުޅޭ މައްސަލަ ކޯޓަށް ހުށަހަޅައިފި
ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް ޢުމައިރު މުޙައްމަދު މުޢިއްޒުއަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ރައީސް ގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން  މަރިޔަމް ޒުބައިރު އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަދި އެ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛު ފައްޔާޒު އިސްމާޢީލްގެ މައްޗަށް ސިވިލް ކޯޓާއި ފެމެލީ ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މި މައްސަލައިގެ ތަފްޞީލް މެޑަމް ސާޖިދާ މުހައްމަދު ގެ ޤާނޫނީ ޓީމުން މިއަދު ވަނީ އާއްމުކޮށްފައެވެ. އެގޮތުން "ރެހެންދި ޗެމްބާސް" އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްގު ނިގުޅައި ގެންފައިވާތީ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މަރިޔަމް ޒުބެއިރު ގެ މައްޗަށް އެއް މައްސަލަކަމަށާއި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ( އެމްޑީޕީ ) އަދި އެ ޕާޓީގެ ޗެއަރ ޕާރސަން އަލްއުސްތާޛު ފައްޔާޒު އިބްރާހީމް ގެ މައްޗަށްވެސް ވަނީ އެއް މައްސަލަ ހުށަހަޅާފައެވެ. މީގެ އިތުރުން، މަރިޔަމް ޒުބެއިރު،  މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ( އެމްޑީޕީ ) އަދި އެ ޕާޓީގެ ޗެއަރ ޕާރސަން އަލްއުސްތާޛު ފައްޔާޒު އިބްރާހީމް ގެ މައްޗަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ އިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ ފެމެލީ ކޯޓަށް ވަނީ މައްސަލަ ހުުށަހަޅާފައެވެ. ޤާނޫނީ ޓީމުން ބުނި ގޮތުގައި މި މައްސަލަތައް ހުށަހަޅާފައިވަނީ ޤާނޫނު އަސާސީއާއި ގާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ހައްގު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް ނިގުޅައި ނުގަނެވޭނެކަން ކަށަވަރުކޮށް، އެކުދިންގެ ތަޢުލީމަށާއި މުސްތަގުބަލް އަދި ނަފްސު، ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށް ކުރެވޭނެ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްސަދުގައި ކަމަށެވެ. އަދި މިއަދު ދެންނެވުނު މަޤާމުގައި މެޑަމް ސާޖިދާގެ ބޭފުޅުން ތިއްބެވީތީ، އެ ބޭފުޅުންނަށް ރާއްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެމަޤާމުގައި ތިބެދާނޭ ކުދިންނަށް ރައްކާތެރިކަން ޔަޤީންވެފައި އޮތުމަކީ ކޮންމެހެން ބޭނުންވާކަމެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދެކެވަޑައިގަންނަވާތީ ކަމަށް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ. އެމްޑީޕީން ކުރިއަށްގެންދިޔަ މުޒަހަރާއެއްގެ ތެރެއިން އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)، ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ޙަޤީޤަތާ ޚިލާފު ވާހަކަތަކަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ގިނަ ފަރާތްތަކަކުން ވަނީ އެކަން ކުށްވެރިކޮށް، އެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އަދި އެ ޢަމަލުގެ ސަބަބުން ރައީސްގެ ދަރިކަލުންގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި، އެ ދަރިކަލުންގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކޮށްފައިވާކަމަށްވެސް ރެހެންދި ޗެމްބާރސް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް