އިސްލާމީ ވަޤުފް ފަންޑު ތަރައްޤީ ކުރުމާއި ގުޅޭ މުހިއްމު ނިންމުންތަކެއް ނިންމައިފި

އިސްލާމީ ވަޤުފް ފަންޑު ތަރައްޤީކުރުމާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމާ، އެކަން އިޢުލާން ކުރައްވައިފިއެވެ.

މި ނިންމުންތައް އިޢުލާން ކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އެގޮތުން، ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވަޢުދުތަކުގެ ތެރެއިން މުހިންމު އެއް ވަޢުދަކީ ވަޤުފު ފަންޑުގެ މަޝްރޫޢުތައް ފުޅާކުރުމުގެ ވަޢުދުކަމަށާއި އޭގެ ބޭނުމަކީ އިސްލާމީ ޚިދުމަތްތަކަށް ހޭދަކުރަން ބޭނުންވާ ފައިސާ ހޯދުމަށްކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

އެގޮތުން، އިސްލާމީ ވަޤުފު ފަންޑު ތަރައްޤީކުރުމަށް ވުޒާރާއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މިގޮތުން 15 އެޕްރީލް 2025 ގައި ވުޒާރާއިން މުހިންމު ނިންމުންތަކެއް ނިންމާފައިވާކަމަށާއި، މި ނިންމުންތަކުގެ ތެރޭގައި ތިރީގައިވާ ކަންކަން ކުރުން ހިމެނޭކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

  • އިސްލާމިކް ވަޤުފު ފަންޑުން ހޭދަކުރުމުގެ ދާއިރާތައް ފުޅާކުރުމާއި
  • ދާރުލްއީމާން ބިލްޑިންގް އަކީ އިސްލާމީ ވަޤުފު ފަންޑުގެ އެސެޓެއްކަމުގައި ރަސްމީކޮށް ކަނޑައެޅުމާއި އެތަނުން ލިބޭ ނަފާއަކީ މިސްކިތްތަކަށް ޚާއްޞަކޮށް ވަޤުފުކުރެވިފައިވާ އެއްޗަކަން ހެދުމާއި
  • އަލަށް އިމާރާތްކުރާ ދާރުއްސަލާމް ބިލްޑިންގާއި ދާރުލްއަރްޤަމް ބިލްޑިންގުން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރިވުމަށް އެހީވާ ވަޤުފު ފަންޑަށް ކަނޑައެޅުމާއި ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑުގައި 15 މިލިއަން ރުފިޔާގެ (ކޭޝްވަޤްފު) އުފެއްދިކަމުގެ ވަސީޤާގައި ސޮއިކުރުމާއި
  • އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ "ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑު" އާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ "ޒަކާތު ފަންޑު" އާ ގުޅިގެން "ދާރުއްސަލާމް" އާއި "ދާރުލް އަރްޤަމް" ތަރައްޤީކުރުމަށް ނިންމުމުގެ ވަޘީޤާގައި ސޮއިކުރުން

މީގެ އިތުރުން، މި މަޝްރޫޢުތަށް ކުރިއަށް ގެންދިއުމަށް ބީއެމްއެލް އިސްލާމިކް އިން ވަނީ 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯން ދިނުމަށް ނިންމާފައިވާކަމަށާއި، ވަޤުފު ފަންޑުގެ އިންވެސްޓްމަންޓްތަކުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި މި މަޝްރޫޢުތައް ނިމުމުން އިސްލާމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުތަކަކީ މި ދައުރުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބިޔަ މަޝްރޫޢުތަކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް