މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީއަކީ އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ބޮޑު ބައެއް، ޢާންމު ޚިދުމަތާއި މެލޭޝިއާގެ ކުރިއެރުމަށް ޚާއްޞަކުރެއްވި ޝަރަފުވެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވައި، ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމުގައިވަނީ ވިދާޅުވެފައިވެއެވެ.

އަދި މެލޭޝިޔާގެ އިޤްތިޞާދީ ކުރިއެރުމަށް، މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، އެ މަނިކުފާނަކީ ހަމަހަމަ ކަމާއި ޤައުމީ އެއްބައިވަންތަކަމާއި، ހެޔޮވެރިކަމެއް ޤާއިމުކުރެއްވުމަށް މަސައްކަތްކުރެއްވި ސިޔާސީ ލީޑަރެއްކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފުން ހިތާމައިގެ މިދަނޑިވަޅުގައި މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީގެ ޢާއިލާއަށާއި މެލޭޝިއާގެ ސަރުކާރާއި، ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ޙަމްދަރުދީ ފޮނުއްވަމުންނެވެ.

މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީއަކީ 2003 ވަނަ އަހަރުން 2009 ވަނަ އަހަރަށް ޚިދުމަތް ކުރެއްވި، މެލޭޝިއާގެ 5 ވަނަ ބޮޑުވަޒީރެވެ. މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީގެ ބޮޑުވަޒީރުކަމުގައި އަމާޒު ހިއްޕެވީ އިސްލާމީ އުސްލޫބު ފަތުރުއްވައި، މެލޭޝިއާގެ އިޤްތިޞާދަށް ކުރިއެރުން ހޯއްދަވައިދެއްވައި، ޤައުމީ އެއްބައިވަންތަކަން ޤާއިމުކުރެއްވުމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް