ސަޢޫދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި އަޅާ ހައުސިން ޔުނިޓުތަކުގެ މަޝްރޫޢު އިފްތިތާޙުކޮށްފި

ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (ސަޢުދީ ފަންޑު) ގެ 25 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ހިންގާ "400 އެފޯޑަބަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް" އިފްތިތާހުކޮށްފިއެވެ.

ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް-މުރްޝިދް އަދި މާލީ ވަޒީރު މޫސާ ޒަމީރުއެވެ.

މި ހައުސިން ޔުނިޓްތަކަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް ނިންމާފައިވާ ޔުނިޓުތަކަކަށްވާއިރު މިކަމަށް ސަޢުދީ ފަންޑުން 25 މިލިޔަން ޑޮލަރުގެ ލޯނު ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސަ ޒަމީރު ވިދާޅުވީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ތަސައްވަރު ހަޤީގަތަކަށް ހެއްދެވުމަށް ލިބޭ ވަރަށް ބޮޑު އެހީއަކަށްކަމަށާއި މި ޕްރޮޖެކްޓް ވެގެންދާނީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން، އަގުހެޔޮކޮށް ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މަޝްރޫޢުއަކަށްކަމަށެވެ.

ސަޢޫދީ ފަންޑަކީ 1974 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފައްދާފައިވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައެވެ. މި ފަންޑުގެ މަޤްޞަދަކީ ލުއި ލޯނުތަކާއި ހިލޭ އެހީގެ ޒަރީޢާއިން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމެވެ. މި ގޮތުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އަސާސީ ވަސީލަތްތަކާއި، ޞިއްޙަތާއި، ތަޢުލީމާއި، އަދި ހަކަތައިގެ ދާއިރާތަކަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް