ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔަވަން 50 ސްކޮލަރޝިޕް ހުޅުވައިފި

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާސިލްކުރުމަށް ޒަކާތު ފަންޑުން ދޭ 50 ސްކޮލަރޝިޕަށް މިއަދު ހުޅުވާލައިފިއެވެ.

މި 50 ސްކޮލަރޝިޕަށް ހުޅުވާލައިފައިވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

މީގެ ތެރޭގައި ރާއްޖޭގައި ކިޔަވަން 20 ފުރުސަތު ވަނީ ހުޅުވާލާފައެވެ. ރާއްޖެއިން ފުރުސަތު ހުޅުވާލެވުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓަރސް ކޯސްތަކަކަށެވެ.

ތިރީގައި އެވަނީ ރާއްޖެއިން ކިޔަވަން ސްކޮލަރޝިޕް ދެވޭ ދާއިރާތަކެވެ.

  • ​މާސްޓަރ އޮފް އަރޓްސް އިން ޤުރުއާނިކް ސައިންސެސް – 6 ފުރުސަތު
  • ​މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – 3 ފުރުސަތު
  • ​އެގްޒެކެޓިޒް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް – 5 ފުރުސަތު (eMIF by INCEIF)
  • ​މާސްޓަރ އޮފް އަރޓްސް އިން ޝަރީއާ – 3 ފުރުސަތު
  • ​މާސްޓަރ އޮފް އަރޓްސް އިން އިސްލާމިކް ސްޓަޑީސް – 3 ފުރުސަތު

ރާއްޖެއިން ބޭރުން 30 ފުރުސަތަކަށް ހުޅުވާލާފައިވާއިރު މި ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތެވެ.

ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލެވިފައިވަނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުންނެވެ. މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލެވިފައިވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ، ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިންނެވެ. އަދި ޔުނިވާރސިޓީ ބުރުނާއީ ދާރުއްސަލާމުންނެވެ. މެލޭޝިއާ އަދި ބުރުނާއީން ޑިގްރީގެ 2 ފުރުސަތު، މާސްޓަރސްގެ 6 ފުރުސަތު އަދި ޕީ.އެޗް.ޑީ 9 ފުރުސަތު ހުޅުވާލެވިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް