ޝަރީޢަތް ނިމެންދެން ޝަމްޢާން ބަންދުކުރި މައްސަލަ ހައިކޯޓަށް

މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީޢަތް ނިމެންދެން ބަންދުކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅައިފިއެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި ޝަރީޢަތް ނިމެންދެން ޝަމްޢާން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހު ކަމަށްވާއިރު، ޝަމްޢާން ހައްޔަރުކުރީ މާރިޗު 21 ވަނަ ދުވަހު ރޭއެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ޝަމްޢާން ބަންދުކުރުމަށް ކޯޓުން އަމުރުކުރި މައްސަލަ ހައިކޯޓުގައި އެއިރު އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމައިފައެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބިފައިވާ މަޢުލޫމާތާ ގުޅިގެން ފުލުހުން ހިންގާ ތަޙުޤީޤުގައި މިހާތަނަށް ބެލި ބެލުމުން، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި ޑިޓެއިންކުރުމުގެ ޒިންމާ އާންމުކޮށް އަދާކުރަމުންދާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަނުގެ މުވައްޒަފުން ނޫން އިމިގްރޭޝަންގެ އެހެން ސެކްޝަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް، އެ މުވައްޒަފުންގެ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައިފާސްކޮށް، އެ ގެއިން ގިނަ އަދަދެއްގެ ނަގުދު ފައިސާއާއެކު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން، އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000ރ. އާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާ ތަޙުޤީޤަށް އެނގިފައިވާ ކަމަށްވެސް ފުލުހުންވަނީ މަޢުލޫމާތުދީފައެވެ.

ޝަމްޢާނާއެކު އިތުރު ހަތަރު މީހަކުވެސް ވަނީ މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް