ޝަންގްރިލާ ވިލިނގިލި އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
ޝަންގްރިލާ ވިލިނގިލި އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އަދި ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ޝަންގްރިލާ ވިލިނގިލިގެ ސީނިއަރ މެނޭޖްމަންޓް ޓީމާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ޝަންގްރިލާ ވިލިނގިލީގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ގްރޫޕްގެ ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް، ކްރިސްޓޮފަރ ޕޮންގް އެވެ. މި ބައްދަލުވުމުގައި، ޝަންގްރިލާ ވިލިނގިލި އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައި މި މަސައްކަތް އަވަސްކުރުމަށްޓަކައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައިވެއެވެ. ކޯވިޑް-19 އާ ގުޅިގެން ދިމާވި އިޤުތިޞާދީ ގޮންޖެހުންތަކާ ގުޅިގެން ޝަންގްރިލާ ވިލިނގިލި ރިސޯޓު ބަންދުކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އޭގެ ފަހުން މިހާތަނަށް އެ ރިސޯޓު ހުޅުވޭނެ މަގެއް އަދި ފެނިފައި ނުވާއިރު މި ރިސޯޓު ހުޅުވުން ލަސްވާތީ އައްޑޫގެ ރައްޔިތުންނާއި ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޝަންގްރިލާ ރިސޯޓު އަލުން ހުޅުވުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ވަނީ މީގެ ކުރިންވެސް އެ ރިސޯޓުގެ މެނޭޖްމަންޓާ ބައްދަލުކޮށް މަޝްވަރާކުރައްވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް