ސަޢޫދީ ފަންޑުގެ ސީއީއޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެޕްރީލް މަހުގެ 13 އިން 15 ގެ ނިޔަލަށް ސައުދީ ފަންޑުގެ މަތީ ފަންތީގެ ވަފުދަކާއެކު ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ފައިނޭންސިންގ އެއްބަސްވުންތަކުގެ ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، އެސްޑީއެފްގެ އެހީގައި ކުރިއަށްގެންދާ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއަށް އެސްއެފްޑީ އަކީ މުހިންމު ބައިވެރިއަކަށްވާއިރު، އެސްއެފްޑީ އިން ވަނީ ދަތުރުފަތުރާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި އަދި މަސްވެރިކަން ފަދަ އެކި ދާއިރާތަކަށް 470 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ ފޯރުކޮށްދީފައެވެ.

އަދި ޚާއްޞަކޮށް، 2024 ވަނަ އަހަރުގެ މޭ މަހު، އެސްއެފްޑީ އިން ވަނީ ދެ މުހިންމު މަޝްރޫޢުއަކަށް 150 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށެވެ. އަދި 50 މިލިއަން ޑޮލަރު ދޫކޮށްފައިވަނީ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ މަޝްރޫޢުއަށެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިން ހޮސްޕިޓަލެއް އިމާރާތްކޮށް، ޞިއްޙީ ޚިދުމަތްތައް ފުޅާކުރެވޭނެއެވެ.

އެސްއެފްޑީ އަކީ 1974 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ ސަރުކާރުން އުފައްދާފައިވާ ފަންޑަކަށްވާއިރު، މި ފަންޑު އުފައްދާފައިވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް