ތުރުކީން ހަދިޔާކުރި މިސައިލް މަނަވަރު އޮޕަރޭޓްކުރުމަށް ސިފައިން ދަނީ ތައްޔާރުވަމުން: ދިފާޢީ ވުޒާރާ

ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި އުޅަނދު ރާއްޖެ ގެނެސް އޮޕަރޭޓް ކުރުމަށް ދިވެހި ސިފައިން ތައްޔާރުވަމުންދާކަމަށް ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

މިކަމާ ގުޅިގެން އެ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށާއި މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން އެ ސިޔާސަތު ތަންފީޒު ކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަން އެމަނިކުފާނު ފައްޓަވާފައިވާ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑު ދެގުނަ ކުރައްވައި، ޤާބިލްކަން އިތުރުކުރެއްވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައި ރަހުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން، ތުރުކީވިލާތުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

"މި އުޅަނދު ދިވެހިރާއްޖެއަށް ގެނެސް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތަށް ނެރެ، ދިވެހި ސިފައިން މި އުޅަނދު އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން، ތުރުކީވިލާތުގައި ދިވެހި ސިފައިން ދަނީ ތަމްރީންވަމުން"، އެ ބަޔާނުގައި ވެއެވެ.

އަދި މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފްކުރެއްވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމާއުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލުކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ގާނޫނު އަސާސީގައި ސިފައިންގެ ހިދުމަތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޖުމްހޫރިއްޔާ އާއި ސަރަހައްދާއި ހާއްސަ އިގުތިސޯދީ ސަރަހައްދާ އަދި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކުރުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

"ސިފައިންގެ ހިދުމަތަށް އިތުރުކުރެވޭ މި ގާބިލުކަމަކީ، ގާނޫނު އަސާސީ އާއި ސިފައިންގެ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ." ބަޔާނުގައިވެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް