ވީއައިއޭގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ތެރެއިން އެކުވެރިކަމުގެ ހިނގާލުމެއް ބާއްވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ 59 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކުވެރިކަމުގެ ހިނގާލުމެއް ބާއްވައިފިއެވެ.

ވީއައިއޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެތަނުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންނާއި އަދި ބައެއް ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގެންފައިވާއިރު، އަހަރީ ދުވަހުގެ މުނާސަބަތުގައި އެންމެ ފުރަތަމަ ބާއްވާފައިވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެކެވެ.


ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެއަރޕޯޓުގެ ތަރައްޤީއަށްޓަކައި ސަރުކާރުން، ދެއްވާ އަހަމިއްޔަތު ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހީމް ޝަރީފް ވިދާޅުވީ، އެއަރޕޯޓުގެ ތަރައްޤީއަށްޓަކައި ވަރަށް މުހިއްމު ބޮޑެތި މަޝްރޫޢުތައް ހިނގަމުންދާކަމަށާއި ކޮންޓްރެކްޓަރުން ނިންމާނީ ފެސިލިޓީސް ކަމަށާއި އެތަންތަން އޮޕަރޭޝަނަލައިޒްކޮށް، ގައުމަށް އޭގެ ފައިދާ ހޯދައިދޭން ތިބީ މުވައްޒަފުން ކަމަށެވެ.

އެގޮތުން އެއަރޕޯޓުގެ މުވައްޒަފުންނަކީ އަބަދުވެސް ޤައުމަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވަމުން އެބޭފުޅާ ވިދާޅުވީ، އެއަރޕޯޓުގެ ހަޔާތުގައި ކުރިޔަށް އޮތް އަހަރަކީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީވެގެންދާނެ އަހަރެއްކަމަށާއި ސްޓޭކްހޯލްޑަރުންނާއި، ފަސިންޖަރުން އުފާވާ ފަދަ ޚިދުމަތްތަކެއް އެއަރޕޯޓުން ދޭން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ދވަހުގެ މުނާސަބަތުގައި 59 ފޫޓުގެ ކޭކެއް ވަނީ ފަޅާފައެވެ. އަދި އެކުވެރިކަމުގެ ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުރިޔަށް އޮތް ދުވަސްތަކުގައި މުވައްޒަފުންނަށް ޚާއްސަ ގާލާ ނައިޓަކާއި، ވަން-ޑޭ ހޭންޑްބޯލް މުބާރާތެއްވެސް ކުރިޔަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް