ތިނަދޫގައި ޑޮކްޓަރުންގެ ޚާއްސަ ކޭމްޕެއް އެޕްރީލް މަހު 24 އިން 26 އަށް

ގދ. ތިނަދޫގެ ޑރ. އަބުދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްޞަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.

އެ ހޮސްޕިޓަލުގެ ރަސްމީ ފޭސްބުކް އެކައުންޓުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނޭގޮތުން މި ކޭމްޕް އޮންނާނީ މިމަހުގެ 24 އިން ފެށިގެން 26 އަށެވެ. އަދި މި ކޭމްޕްގައި ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު އޮޕަރޭޝަން ޑޮކްޓަރުން ބައިވެރިވާނެ އެވެ.

އޭގެ ތެރޭގައި އާއްމު އަދި ލެޕްރސްކޯޕިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ، އަބުދުﷲ ޢުބައިދު، ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރ، މުހައްމަދު ޝިފާން ހިމެނެއެވެ.

މި ކޭމްޕުގައި ބައިވެރިވެވަޑައިގަންނަވާ އެހެން ޑޮކްޓަރުންގެ ތެރޭގައި ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރ، އަބުދުﷲ އަދްޡަރު، ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު، އަލީ އާފީ، ގޮހޮރުގެ އަދި ބެރިއަޓްރިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ، އާއިޝަތު އަޒުނާ އަލީ، ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްޞަ ޑޮކްޓަރ އަސްއަދު މުހައްމަދު ޝަހީދު، އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއަރ އަށް ޚާއްޞަ ޑޮކްޓަރ، އިބްރާހީމް އާދިލްގެ އިތުރުން ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއަރގެ ޚާއްޞަ ޑޮކްޓަރ މުހައްމަދު ވަހީދު ހިމެނިވަޑައިގަންނަވައެވެ.


ހެލްތު މިނިސްޓްރީން ވިދާޅުވީ މިއީ ރައްޔިތުންނާއި ގާތުން ސިއްހީ ޚީދުމަތް ފޯރުކޮށް ދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން ހިންގާ ކޭމްޕެއްކަމަށެވެ.

މި ޓީމުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތް ތަކުގެ ތެރޭގައި އޯޕީޑީގައި ބަލިމީހުން ބަލައި ފަރުވާކުރުމާއި ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދިނުމުގެ އިތުރުން އެކި އޮޕަރޭޝަންތައް ކުރުން ހިމެނޭއިރު،  މި ޓީމް ގެ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މި ކޭމްޕަކީ، ހެލްތު މިނިސްޓްރީ، އައިޖީއެމްއެޗް އަދި ތިނަދޫ ޑރ. އަބުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް