ކޯޓު މެދުވެރިކޮށް މަރު ސާބިތުކޮށް މުޝްފިގުގެ ކަށުނަމާދު އަންނަ ހުކުރުދުވަހު އިސްލާމިކް މަރުކަޒުގައި ބާއްވަނީ

މާލެ ދަތުރުކުރި "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު މުޝްފިގު ޝަރީފްގެ މައްޗަށް ކުރެވޭ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފިއެވެ.

މީޑިއާއަށް މިނިސްޓަރ ޝަހީމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މުޝްފިގުގެ އާއިލާއާ ވާހަކަ ދައްކަވާފައިވާ ކަމަށާއި އަދި ލ. މާވަށު ކައުންސިލްގެ ކުރީގެ ނިންމުން ބަދަލުކޮށް މުޝްފިޤުގެ މައްޗަށް މިއަދު ކަށު ނަމާދު ނުކުރާ ކަމަށެވެ.

އަދި ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތަށް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިންޝާ ﷲ މުޝްފިޤުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާނަން،...އޭނާ ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެއް. މާތް ﷲ ގެ ރަޙުމަތް ތަނަވަސް ވެގެންވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ސޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެއް ކަމަށާއި އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއް ކަމަށެވެ.

މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރާނީ އޭނާ މަރުވެއްޖެ ކަމަށް ޤާޟީ ކަނޑައެޅުމުން: ވަޒީރު

މުޝްފިގުގެ ޢާއިލާގެ އެދުމުގެ މަތިން، ލ. މާވަށު ކައުންސިލުން އިއްޔެ ވަނީ މުޝްފިގުގެ މައްޗަށް ޢައިބަށް ކަށުނަމާދުކުރުމަށް ނިންމާފައެވެ. އެހެންނަމަވެސް މިފަދަ ހާލަތުގައި އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަންވާނީ ގާޒީއަށް ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެކަމަށް ގާޒީ ކަނޑައަޅައިފި ނަމަ، އެހާރުން އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަކަމެއް ކަމެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް