ކޯރާޑިއަކުން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މަޢުލޫމާތުދިންގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ، ހީނާމާގެ، ރުސްތުމް އިބްރާހީމް (25 އ.) އާއި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފުﷲ ފައިޞަލް (19 އ.) އެވެ.

އެ މާރާމާރީ ހިނގާފައިވަނީ ފެބްރުއަރީ 8 ވަނަ ދުވަހުގެ ރޭ 23:35 އެހައިކަންހާއިރު، ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓަރފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލެއްގައި އައިސް ކޯރާޑިއަކުން ހަމަލާދީގެންނެވެ. މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެމީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހަމަ އެ ރޭގައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، ފުލުހުން ބުނީ މި މައްސަލަ ޕީޖީގެ އޮފީހުން ދައުވާ ކުރުމަށްޓަކައި ބަލައިގެންފަވަނީ މިއަދު ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް