2025 ވަނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނެގޮތް ކަނޑައަޅައިފި

2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނެ އަދަދު ކަނޑައަޅައިފިއެވެ.

މިގޮތުން އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓު ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް މި އަހަރުގެ ބަޖެޓުގެ އާމްދަނީން ދޫކުރާ %0.01 އަށް ވާ 27،981،256ރ. ބެހިފައިވާ ގޮތުގެ ތަފްޞީލް އެ ކޮމިޝަނުން ވަނީ އާންމުކޮށްފައެވެ.

އެ ކޮމިޝަނުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި އަހަރު އެންމެ ގިނައިން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށެވެ. އެގޮތުން 31 ޑިސެންބަރު 2024 ގެ ނިޔަލަށް 68،968 މެންބަރުން ތިބި ކޮންގްރެސް ޕާޓީއަށް ދިނުމަށް ކަނޑައަޅާފައިވަނީ 13،326،689.57ރ. އެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށެވެ. މިގޮތުން މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގައި 43،755 މެންބަރުން ތިބިއިރު، އެ ޕާޓީއަށް ކަނޑައަޅާފައިވަނީ 8،454،780.51ރ. އެވެ.

ތިންވަނައަށް އެންމެ ގިނައިން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 13،826 މެންބަރުން ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށެވެ. އެއީ 2،671،598.57ރ. އެވެ. އަދި 9،210 މެންބަރުން ތިބި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް 1،779،648.69ރ. ދިނުމަށް ހަމަޖެހިފައިވާއިރު، 9،049 މެންބަރުން ތިބި އަދާލަތު ޕާޓީއަށް ކަނޑައަޅާފައިވަނީ 1،748،538،65ރ. އެވެ.

މި ފަސް ޕާޓީގެ ތެރެއިން ޤާނޫނާ ގަވާއިދާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ނުދައްކާ ހަތަރު ޕާޓީއެއް ހިމެނޭއިރު، އޭގެ ތެރޭގައި އަދާލަތު ޕާޓީން 35،000ރ. ނުދައްކާހުރި ކަމަށާއި، ޖޭޕީން 15،000ރ. އަދި އެމްޑީއޭ އާއި ޕީއެންސީން ކޮންމެ ޕާޓީއަކުން 10،000ރ. ނުދައްކާ ހުރި ކަމަށް އީސީން މަޢުލޫމާތުދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް