ސްކޫލްތައް އޭސީ ކުރަން ބެލެނިވެރިން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ: ރައީސް

ސްކޫލްތައް އޭސީ ކުރަން ބެލެނިވެރިން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށް ރައީސުލްޖުމުހޫިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެއީ އެމަނިކުފާނުގެ ވައުދެއް ކަަމަށާއި އެކަން ބައެއް ބެލެނިވެރިން ކުރައްވަނީ ކޮމިއުނިޓީގެ ބައިވެރިވުން ހިމެނޭގޮތަށްކަމަށެވެ.ނަމަވެސް އެއީ ބެލެނިވެރިން ޚަރަދުކޮށްގެން ކުރައްވަން ޖެހޭނެ ކަމެއްނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ބެލެނިވެރިން އެމީހުންގެ ދަރިން ކިޔަވާ ސްކޫލް ކަމަށްވާތީ އެކަން ކުރަން އަމިއްލަ އަށްވެސް ބޭނުންވާތީ އެފަދަކަންކަން ކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސުކޫލުތަކުގެ ކްލާސްރޫމްތައް އޭސީ ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށާއި އިރާދުކުރެއްވިއްޔާ މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި އެ ހުރިހާ ކްލާސްރޫމެއް އޭސީ ކުރައްވާނެކަމަށެވެ.

ހަމައެއާއެކު، ސުކޫލްތަކުގެ ހޯލްތަކަކީވެސް އޭސީކުރަން ޖެހިފައިވާ ތަންތަންކަމަށާއި ހޯލްތައް އޭސީ ކުރެއްވުމަކީ ރައީސް ވަޢުދުފުޅުވިކަމަކަށް ނުވިނަމަވެސް، އެއީވެސް ނުހަނު މުހިންމުކަމެއްކަމަށާއި އެހެންކަމުން ކުރިއަށް އޮތްތަނުގައި އެކަންވެސް ކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް