މުލީ އެއާޕޯޓު މިމަހުގެ 30 ވަނަ ދުވަހު ހުޅުވަން ތައްޔާރު: ރައީސް

މ އަތޮޅު މުލީ އެއަރޕޯޓް މިމަހުގެ 30 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށާއި އެގޮތުން ދެން އެންމެ އަވަހަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވަނީ މ. މުލީ އެއަރޕޯޓް ހުޅުވަން އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުކަމަށް ރައީސް ވިދާޅުވިއެވެ.

"މުލީގެ އެއަރޕޯޓް އިރާދަކުރެއްވިއްޔާ މެއި މަހުގެ 1 ނުވަތަ އޭޕްރީލް 30 ވަނަ ދުވަހު އޭގެ ކުރީދުވަހު ހުޅުވޭނެ. އެއީ އަސްލު އަޅުގަނޑު އެންމެ ބޮޑަށް ބޭނުންވަނީ މިމަސް ނިމުމުގެ ކުރިން ހުޅުވަން. ދެން ނުހުޅުވިއްޖިއްޔާ ޖެހިގެން އަންނަ ދުވަހުވެސް ހުޅުވަން. އެހެންވީމާ އެހުރިހާ މަސައްކަތެއް އެބަހިނގާ" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މ. އަތޮޅުގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއަކީ 2021 ވަނަ އަހަރު ފަށާފައިވާ މަޝްރޫއެކެވެ. އަދި މުޅި މަޝްރޫޢު ނިންމާ ޚިދުމަތް ދޭން 2023 ވަނަ އަހަރުގެ މެދުތެރޭގައި ޕްލޭންކުރިނަމަވެސް، މަސައްކަތްތައް ލަސްވުމާ ގުޅިގެން އެންމެ ފަހުން ތާވަލު ކުރީ މި އަހަރުގެ މެދުތެރޭގައި ޚިދުމަތް ފެށޭވަރަށް އެ މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށެވެ.

މުލީ އެއަރޕޯޓްގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭއެކެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓަކަށްވާއިރު މި އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ސަރުކާރުން 221 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ.

ރައީސް ވިދާޅުވީ މުލީ އެއަޕޯޓް ހުޅުވުމުގެ ދަތުރުންފެށިގެން ބަހާލައިގެން ރާއްޖެގެ ހުރިހާ ރަށަކަށް އޮގަސްޓްގެ ނިޔަލަށް ދަތުރުކޮށް ނިންމަން ތާވަލްކުރައްވާފައިވާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް