ހުޅުމާލޭ ހޮސްޕިޓަލުގައި އިންޓަރންޝިޕުގެ ފުރުޞަތުތައް ހުޅުވާލާނެ: ހަލީމް

ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ހެދުމުގެ ފުރުޞަތު އަންނަ ޖޫންމަހުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބުދު ރައްޒާޤް ހަލީމް ވިދާޅުވެއްޖެ.

އެމްއެމްޓީވީން ކުރިއަށްގެންދާ "ބޮޑު ޚަބަރު'' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ، ދަރިވަރުން އިންޓަރންޝިޕް ހަދަމުންދާއިރު ކޮންމެ ކުއްޖަކަށް ސުޕަވައިޒަރެއް ބޭނުންވާނެކަމަށާއި އައިޖީއެމްއެޗަށް ކުދިން ނެގެނީ ވަކިވަރަކަށް ކަމަށާއި އެ ލިމިޓަށްވުރެ ގިނައިންވެސް ކުދިންނަގައިގެން އިންޓަރޝިޕް ގެ ފުރުޞަތު ދެވިފައިވާ ކަމަށެވެ.

އަދި، އެ އަދަދު ކޮންޓްރޯލްކޮށް ރާއްޖޭގައި މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ފުރުޞަތު ދިނުމަށް އިސްކަންދީ ކުދިން މަދުކުރަންޖެހުނުކަން ފާހަގަކުރައްވަމުން ހަލީމް ވިދާޅުވީ، އޭގެ ސަބަބަކަށްވީ އެކުދިން ސްޕަވައިޒްކޮށް، އަމަލީ ތަޖުރިބާ ހޯދާއިރު، ދިމާވެދާނެގޮންޖެހުން ކުޑަކުރުންކަމަށާއި، ނަމަވެސް މިކަމަށް އޮޮތް ޑިމާންޑް ބޮޑުވެ ރާއްޖޭގައި މެޑިސިން ކިޔަވާ ދަރިވަރުން އިތުރުވެ އިންޓަރންޝިޕް ހަދަންޖެހޭ ކުދިންގެ އަދަދު އިތުރުވުމުން މިހާރު އެހެން ހޮސްޕިޓަލުތަކުގައި އެ ފުރުޞަތު ދިނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައި އެ ޚިދުމަތް ދިނުމަށް ދަނީ ތައްޔާރުވަމުންދާކަމަށާއި، ހުޅުމާލޭ ހޮސްޕިޓަލަކީވެސް ޓަރޝަރީ ޚީދުމަތްދޭ ހޮސްޕިޓަލަކަށްވާތީވެ އައިޖީއެމްއެޗްގެ ނޭޝަނަލް ހެލްތު އެކެޑެމީ އާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުންވެސް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދެއްވާނެކަމަށް ހަލީމް ވިދާޅުވިއެވެ. އަދި އެ ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާއިރު، މަސައްކަތްކުރައްވަނީ އަންނަ ޖޫންމަހު ކަންކަން ރަނގަޅަށް ގޮސްފިނަމަ 15 ކުދިންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި އިންޓަރޝިޕް ފުރުޞަތު ދިނުމަށްކަމަށް އަބުދު ރައްޒާގް ހަލީމް ވިދާޅުވިއެވެ.

މިއަހަރު ފެށުނުއިރު ވެސް 60 އަށް ވުރެ ގިނަ ދަރިވަރުން އިންޓަރންޝިޕް ހަދަމުން ގެންދިޔަކަމަށް ހަލީމް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް