މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ ކަމުގައި މި ދެންނެވުމުގައިވެއެވެ. މި ބޯޑުން ކުރިއަށް ގެންދަވާނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.ރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" އުފައްދަވައިފި https://t.co/cf3QNQTkSY
— The President's Office (@presidencymv) April 9, 2025
- ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމާއި، އެފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަތުން.
- ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކުގެ ތަޙުޤީޤުތަކުން ހޯދޭ ހޯދުންތަކަށް ބިނާކޮށް ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގަވާއިދުތައް ހަރުދަނާކުރުމަށް، ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން.
- ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް، ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން.
- ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ސަލާމަތީ މައްސަލަތަކާއި ޓްރެންޑްތައް ދެނެގަތުމަށް ދިރާސާތަކާއި ތަޙުލީލުތައްކުރުން.
- ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކާ ގުޅިގެން ބާއްވަންޖެހޭ އާންމު އަޑުއެހުންތައް އިންތިޒާމުކުރުން.
- ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކުގެ ތަޙުޤީޤުތަކާ ގުޅިގެން އާންމުކުރަންޖެހޭ މައުލޫމާތު އާންމުކުރުމާއި، ރިޕޯޓުތައް ޝާއިޢުކުރުން.





